ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ދައުރު ނިމުމުގެ ކުރިން ޓްރަމްޕު މަގާމުން ވަކިކުރެވިދާނެތަ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ދައުރު ހަމަވާން ބާކީ ދެން އޮތީ ދިހަވަރަކަށް ދުވަހެވެ. އެހިސާބަށްވެސް މަޑުނުކޮށް ރައީސްކަމުން އޭނާ އަޒުލުކުރުމުގެ ފިކުރު މިވަގުތު ވަނީ ގަދަވެފައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެޔަށް ސަޕޯޓަރުން ވައްދައިގެން ޓްރަމްޕު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ވެރިކަމުގައި ދެން އެންމެ މިނިޓަކަށްވެސް އޭނާ ބެހެއްޓުމަކީ މުޅި އެމެރިކާއަށްވެސް ވަރަށް ލަދުވެތި ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން ޓްރަމްޕު އަޒުލުކުރުމުގެ ވާހަކަތަކުގެ އަޑުވަނީ ވަރަށް ގަދަވެފައެވެ.

ވަގުތާއި ހާލަތަށް ބަލާއިރު ވެރިކަމުން ޓްރަމްޕު އަޒުލުކުރާކަމަށްވަންޏާ އެކަމަށް ބޭނުންވަނީ ވަރަށް ކުރު މަގެކެވެ. ދިގުމަގަކުން ހިނގާނޭ ވަގުތެއް ނެތެވެ. މިކަމަށް އެވަރުގެ ކުރު މަގެއް އެބައޮތްބާވައެވެ. އާނއެކެވެ. ވަރަށް ކުރުމަގެއް އެބައޮތެވެ. އެއީ ނާއިބުރައީސާއި ކެބިނެޓް ގުޅިގެން ރައީސް ޓްރަމްޕު އަޒުލު ކުރުމެވެ. ކެބިނެޓްގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނާއިބު ރައީސް މައިކް ޕެންސް ސޮއިކުރައްވައި ގާނޫނު ހަދާ މަޖިލީހަށް ސިޓީއަކުން ހުށައެޅުއްވީމާ އެކަންއެއޮތީ ވެފައެވެ. މިއީ ކުރުމަގެކެވެ.

އެމެެރިކާގެ ގާނޫނުއަސާސީއަށް 1967 ގައި ގެނެވުނު އިސްލާހަކުން މިބާރު ނާއިބުރައީސާއި ކެބިނެޓަށް ވަނީ ލިބިދީފައެވެ. މިއީ ރައީސަކު ވަގަށް ނަގައިގެން ނުވަތަ ރަހީނުކޮށްގެން ބަޔަކު އުޅެފިނަމަ މަގާމުގެ މަސްއޫލިއްޔަތުން ރައީސް އެކަހެރިކޮށް ނާއިބުރައީސްގެ ފަރާތަށް ހުރިހާ ބާރެއް ފުރޮޅިގެންދާނޭ ގޮތަށް ފަރުމާ ކުރެވިފައިވާ އިސްލާހެކެވެ. ގިނަބަޔަކު ގަބޫލުކުރާގޮތުގައި ރައީސް ޓްރަމްޕު އެހެރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރަށްވުރެ ބުއްދި ލުހިފައެވެ. އެހެންވީމާ ކެބިނެޓުގެ އަގުލަބިއްޔަތުން އޭނާ އަޒުލުކުރުމަށް ނިންމައި ނާއިބުރައީސް ސޮއިކުރެއްވީމާ މިކަން ނިމޭނެއެވެ. ނިމެންވާނެއެވެ.

ކެބިނެޓުގެ އަގުލަބިއްޔަތަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ފަނަރަ ވަޒީރުންގެ ތެރެއިން މަދުވެގެން 8 ވަޒީރުންގެ ތާއީދު ލިބުމެވެ. މިވަރުގެ އަގުލަބިއްޔަތަކުން ރައީސް އަޒުލުކުރުމަށްފަހު ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިގެން އެތާގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން މި ނިންމުން ފާސްކުރަންޖެހެއެވެ. އެކަމަކު ހާލަތާއި ވަގުތަށް ބަލައިފައި ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ތެރެއިން އެއްގޭގެ ކުޑަކުޑަ އަގުލަބިއްޔަތަކުން ފާސްކުރިޔަސް ރައީސް އަޒުލުވާނެއެވެ. އެހިސާބުން ހުރިހާ ބާރުތަކެއް ނާއިބުރައީސަށް ނަގުލުވާނެއެވެ.

ޓްރަމްޕުގެ ކެބިނެޓުގައި އޭނާ މަގާމުން ވަކިކުރުމަށް ތާއީދުކުރައްވާ ވަޒީރުން އެބަތިއްބެވިއެވެ. ނާއިބުރައީސް މައިކް ޕެންސް ހުންނެވީވެސް އެކަމަށް ރުހިވަޑައިގެންނެވެ. އެކަމަކު ކެބިނެޓުގެ އަގުލަބިއްޔަތާއެކު މިމައްސަލަ ގާނޫނުހަދާ މަޖިލީހަށް ހުށައެޅުމަށްވުރެ މިހާރު ގާތީ ހުށަނޭޅުމެވެ. އެންމެ ބޮޑު ސަބަބަކީ ދައުރުހަމަވާން ގާތްވުމާއި ޓްރަމްޕުގެ ބަސްމަގުވެސް ކުއްލިޔަކަށް ބަދަލުވާން ފެށުމެވެ. ބަލި ގަބޫލުނުކުރިޔަސް އަމާންކަމާއި އޮމާންކަމާއެކު ވެރިކަމުގެ ބާރުތައް ޖޯ ބައިޑެންއާ ހަވާލު ކުރާނޭ ކަމަށް މީގެ ދެދުވަހެއް ކުރީން ޓްރަމްޕު ވަނީ އިއުލާންކޮށްފައެވެ.

މިއީ ޓްރަމްޕުގެ ބަސްމަގަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ޓްރަމްޕުގެ ޓީމުން މީގެ ކުރިން ބުނަމުންއައީ ރިޔާސަތުގެ އައު ދައުރަކަށް ހުވާކުރާނީވެސް ޓްރަމްޕު ކަމަށާއި ސަރުކާރު ބަދަލުވުމެއް ނެތް ކަމުގައެވެ. ގާނޫނުހަދާ މަޖިލީސް އެއްތަންވާ އިމާރާތަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގީވެސް ޓްރަމްޕުގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. ބޭނުމަކީ ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ މެންބަރުންނަށް ބިރުދައްކައި ބައިޑެންގެ ކާމިޔާބީގައި ސިއްކަޖެހިޔަ ނުދިނުމެވެ. އެކަމުގެ ތެރޭގައި ތިން ހަތަރު މީހަކުވަނީ މަރުވެސްވެފައެވެ.

ކޮންމެއަކަސް އެ ހާދިސާއިން ނުކުތީ ޓްރަމްޕު ބޭނުންވި ނަތީޖާއެއް ނޫނެވެ. އޭނާއަށް ކުރިން ތާއީދުކޮށްގެންތިބި ގިނަ ބައެއްގެ ތާއީދުވެސް ވަނީ ގެއްލިފައެވެ. އޭގެތެރޭގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ. އެމެރިކާގެ ގާނޫނުއަސާސީއަށް ގޮންޖަހައި ގާނޫނުތައް މުގުރައިލުމުގެ އިލްޒާމުވެސް ޓްރަމްޕުގެ ބޮލުގައި ގިނަބަޔަކު ދަނީ އަޅުވަމުންނެވެ. ދައުރު ނިމުމާއެކު ސަރިޔަތާ ކުރިމަތިލާންޖެހި ޖަލަށް ވަންނާން ޖެހުމުގެ ހަގީގީ ބިރުވެސް ޓްރަމްޕަށް ވަނީ ކުރިމަތިވެފައެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ގަދަބާރު ނުދައްކާނަމޭ ވައިޓްހައުސްއިން ނިކުންނާނަމޭ ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރަން އެހީތެރިވެދޭނަމޭ ކުއްލިއަކަށް ބުނާންފެށީ މި ބިރުވެރިކަމުގެ ސަބަބުންނެވެ.

ވެެރިކަމުގައި ދެމިހުރުމަށްޓަކައި ޓްރަމްޕު އެންމެފަހުން ކުޅުނު ކާޑަކީ ކުރިން ބަޔާންކުރެވުނުފަދައިން ސަޕޯޓަރުން ނެރެގެން ހިންގި ހަމަނުޖެހުމެވެ. މިހާދިސާގެ ސަބަބުން ތިންވަނަ ދުނިޔޭގެ ދޮންކެޔޮ ޖުމްހޫރިއްޔާއެއްގެ ލަގަބު އެމެރިކާއަށް ވަނީ ލިބިފައެވެ. ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ލަދުގަންނާން ޖެހިއްޖެއެވެ. މިކަން މިހެންވީމާ ދައުރު ނިމުމަށްފަހުވެސް ރިޕަބްލިކަން ޕާޓީގެ މައްޗަށް ޓްރަމްޕުގެ ނުފޫޒު އޮންނާނެކަމުގެ ހީތަކަށް ވަނީ ނިމުން އައިސްފައެވެ. ސިޔާސީގޮތުން ޓްރަމްޕު ސަންދޯކުގައި ލެވުނީއެވެ. ދުވަހަކުވެސް ތެދުނުވެވޭނޭ މަގުންނެވެ. ޓްރަމްޕުގެ ދަރީންނަށްވެސް ސިޔާސީ ދޮރުދޮރު ބަންދުވުން ހިމެނޭގޮތުންނެވެ.