ކުޅިވަރު

އީގަލްސްއަށް ފުރަތަމަ މޮޅު، ޓީސީން ވެލެންސިއާ ހިފަހައްޓައިފި

މުޙައްމަދު ޝަމްޢޫން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ކްލަބު އީގަލްސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދިއިރު، ރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ހިފަހައްޓައިފިއެވެ.

ލީގުގެ ފުރަތަމަ ހަތަރު މެޗު ކުޅުނުއިރު، މޮޅެއް ނުލިބި އޮތް އީގަލްސްއިން އިއްޔެގެ މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، ފަސް މެޗުން އެޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެ ނަތީޖާއާއެކު އީގަލްސް ވަނީ ހަ ވަނައަށް އަރައިފަ އެވެ. ޔޫވީ އޮތީ ދެ ޕޮއިންޓާއެކު އަށް ވަނައިގައެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ގޯލްތައް ޖެހީ އީގަލްސްއިންނެވެ. އެޓީމުން ތިން ގޯލް ޖަހާފައި ވަނިކޮށް، ޔޫވީން ފަހަތުން އަރައި ދެ ގޯލް ޖެހިއެވެ.

އީގަލްސް އަށް ފުރަތަމަ ގޯލް ޖަހައިދިނީ 22 ވަނަ މިނެޓުގައި މިސްރު ފޯވާޑް އޮސާމާ އަމްބަރެވެ. ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ނިމިފައިވާއިރު، ދެވަނަ ހާފަށް ނުކުމެ ޔޫވީ ކުރިއަށް ޖެހިލިއެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފައި، ސްޕީޑް ބާރު ކުޅުންތެރިންގެ ފައިދާ އީގަލްސް އިން ނެގިއެވެ. ރާއިފް އަހުމަދު (ހަންނަ) ގެ ދެ ގޯލާއެކު އީގަލްސްއިން 3-0ގެ ލީޑެއް ނަގައި ހަމަ ޖެހިލިއެވެ.

މެޗު ނިމެން ދަނިކޮށް ޔޫވީން ފުލުފުލުގައި ދެ ގޯލް ޖެހިއެވެ. ފުރަތަމަ ގޯލް 90 ވަނަ މިނެޓުގައި ޖެހީ އަލީ ހައިޝަމް (ޗުމްޕު) ދިން ބޯޅައަކުން ބައްސާމް މުހައްމަދު (ބައްކު) އެވެ. އަދި އިތުރު ވަގުތުގެ ތެރޭ އަނަޓޮލީ ވްލާސިޗޭވް ދިން ބޯޅައަކުން އިސްމާއީލް އީސަ (މެސީ) ޔޫވީ އަށް ދެ ވަނަ ގޯލް ޖެހައިދިނެވެ.

ލީގުގެ އެއްވަނައިގައި އޮތް ވެލެންސިއާއިން ރޭ ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ރޭގެ މެޗުން މޮޅުވެގެން އެއްވަނައިގައި ފަސް ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ވެލެންސިއާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމަށް ލީޑުފުޅާކުރެވުނީ ތިން ޕޮއިންޓަށެވެ. އެއީ ފަސް މެޗުން 11 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ މިއަދު ނުކުންނާނީ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.

ޓީސީން މިހާތަނަށް ކުޅުނު ފަސް މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، އެޓީމު އޮތީ ފަސްވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ހަމަލާތައް ގިނަކޮށް ފެނުނު ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތައް ފެނުނީ މަދުންނެވެ. ޓީސީއަށްވުރެ ބޮޑަށް ވެލެންސިއާގެ ހަމަލާތައް ގިނަކަމަށް ފުރަތަމަ ހާފްގައި ފާހަގަވެގެން ގޮސްފައިވާއިރު، ދެވަނަ ހާފަށް ނުކުމެ 60 ވަނަ މިނެޓުގައި ވެލެންސިއާ ލީޑު ނެގިއެވެ.

އަލީ އަޝްފާގު (ދަގަނޑޭ) އެޓީމަށް ލީޑު ނަގައިދީފައިވާއިރު، އޭނާއަށް އެސިސްޓް ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ވެލެންސިއާގެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ޓީސީން ކުރިއަށް ޖެހި ކުޅެން ފަށައި، މާ ގިނައިރެއް ނުވެ ލިބުނު ޕެނެލްޓީގައި ގޯލް ޖެހިއެވެ. އޭރިއާ ތެރެއިން ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ޓީސީގެ މެލްކަމް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އައްޒާމް އެވެ.

ލީގުގައި މިއަދު ހަވީރު އޮންނަ މެޗުގައި މާޒިޔާއިން ސަސްއާ ދެކޮޅަށް ނުކުންނައިރު، މިރޭ އޮންނަ މެޗުގައި ގްރީން ސްޓްރީޓްސްއިން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.