ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުން އަންނަ މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތައް މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ޓޫރިސްޓް ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުން އަންނަ މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނެވެ.

އޭގެ އިތުރުން ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ފަންޑް ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ވެސް އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގައި ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެކޮނޮމިކް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ސްޓެލްކޯ އަދި ތިމާވެއްޓާބެހޭ މާހިރުންނެވެ.