ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިސްމާއިލް އަލި މަނިކު ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ބޯޑަށް އައްޔަންކޮށްފި އެވެ.

އިސްމާއިލް އަލި މަނިކު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 6، 2018ގަ އެވެ. އޭނާއާއެކު އެ މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިއޭއެސް ބޯޑުގެ، ނޮން އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމަށް އިސްމާއިލް އަލި މަނިކު އައްޔަން ކުރައްވާފައިވަނީ މިފަހަކުންނެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވިކަން ފިނޭންސް މިނިސްޓްރީންނާއި މޯލްޑިވިއަނުން ވެސް "ވަން" އަށް ކަށަވަރު ކޮށްދީފައިވާއިރު އޭނާ އެ މަގާމަށް އައްޔަން ކުރި ސީދާ ތާރީހެއް ނޭނގެ އެވެ.

އައިއޭއެސްގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވި އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީގެ ބަދަލުގައި މުހައްމަދު މިހާދު ވަނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ.

އައިއޭއެސްގެ ބޯޑުގައި މިހާރު ތިއްބަވާނީ ޗެއާމަން ޑރ. އަހުމަދު ޝަމްހީދާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން އަބްދުﷲ އަމީރު، އަޒްހީލު އަހުމަދު އަދި އިސްމާއިލް އަލި މަނިކެވެ.