ކުޅިވަރު

ބައިކް މޯލްޑިވްސްގެ ޖޫނިއާ ސައިކްލިން ކޭމްޕް: ޒުވާން ޖީލަކަށް ރަނގަޅު ބިންގަލެއް

ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ ފަރާތުން، އުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޖޫނިއާ ސައިކަލިން ކޭމްޕު ނިންމާލައިފިއެވެ.

ކޭމްޕުގައި ޖުމްލަ 35 ކުއްޖަކު ބައިވެރިވެފައިވާއިރު، ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލީ އޭގެތެރެއިން 33 ކުއްޖަކެވެ. ކޭމްޕް ނިންމާލުމަށްފަހު ހާޒިރީ 80 އިންސައްތަ ހަމަކުރި ކުދިންނަށް ވަނީ ސެޓްފިކަޓާއި ޑިސްޓެންސް ބެޖް ހަވާލުކޮށްފައެވެ. ކޭމްޕް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ކުރީގެ މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަންހެން ނައިބު ރައީސާ އަނީސާ އަހުމަދު އެވެ.

ބައިކް މޯލްޑިވްސްގެ ޖޫނިއާ ބައިކް ކްލަބުގެ ޓްރެއިނިންގައި ތަމްރީނު ދޭނީ، ސެޕްޓެމްބަރު މަހު ސައިކްލިން ފެޑަރޭޝަން އޮފް އިންޑިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ބައިސްކަލް ކޯޗިން ކޯހުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ކޯޗުންނެވެ.

އިންޑިއާގެ ފެޑަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އޮންލައިން ކޯސް ކުރިއަށްދިޔައީ ސެޕްޓެމްބަރު މަހު 28 އިން ފެށިގެން އެ މަހު 10 ވަނަ ދުވަހާ ހަމައަށެވެ. އެ ކޯހުގައި ބައިކް މޯލްޑިވްސްގެ 13 ފަރާތަކުން ބައިވެރިވެފައި ވެއެވެ. އޭޝިއާގެ ގިނަ ސައިކްލިން ފެޑަރޭޝަންތަކަކުން ބައިވެރިވި މި ކޯހުގައި ޖުމްލަ 198 ބައިވެރިން ތަމްރީނު ފުރިހަމަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެރެޓަރީ އަސްމާ ހަސަން "ވަން" އަށް ވިދާޅުވީ ޖޫނިއަރ ސައިކަލިން ކޭމްޕުން ބައިސްކަލަށް ފަރިތަ، ރަނގަޅު ޖީލެއް އުފެދިގެންދާނެކަމަށާއި ކޭމްޕްގެ އިތުރު ބުރުތަކެއް ސްކޫލްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ކޭމްޕާއެކު ބައިސްކަލަށް އަހުލުވެރި، ބައިސްކަލަށް ފަރިތަ، ރަނގަޅު ޖީލެއް އުފެދިގެންދާނެ. އިރާދަކުރެއްވިއްޔާ ކޭމްޕްގެ އިތުރު ބުރުތައް އެކިއެކި ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގެންދެވޭތޯ މިދަނީ މަސައްކަތް ކުރަމުން. ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭނުމަކީ ބައިސްކަލް ދުއްވަން ނޭނގޭ ކުދިންނަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނުމާއި ބައިސްކަލަ ދުއްވަން ޝައުގުވެރިވާ ކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ކުރިއެރުވުން. އަދި ބައިސްކަލް ދުއްވުމަކީ ވާދަވެރި ކުޅިވަރަކަށް ހެދުމަކީވެސް އެސޯސިއޭޝަންގެ އަމާޒެއް،" އަސްމާ ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްއަކީ ބައިސްކަލްގެ އެކިއެކި ކަންކަން ރާއްޖެއަށް ތައާރަފުކޮށް، ސައިކްލިންގައި ރާއްޖެ އެހެން ހަރުފަތަކަށް ގެންދަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ޓީމެކެވެ. އެކިއެކި ގައުމުތަކުގެ ޓުއާތަކަށް ވެސް އެ އެސޯސިއޭޝަންގެ މެންބަރުން ދަތުރުކޮށްފައިވާ އިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަބަދުވެސް ފެންނަނީ ކާމިޔާބުކޮށެވެ. ހާއްސަކޮށް ބައިކް މޯލްޑިވްސް އަކީ ރާއްޖޭގެ ސައިކްލިންއަށް އިންގިލާބެއް ގެނައި ހިންގުންތެރި ބައެކެވެ. ޖޫނިއާ ކުދިންގެ ތަމްރީނުތަކާއެކު ޒުވާން ޖީލެއް ބައިކަށް އިތުރަށް އަހުލުވެރިވެގެންދާނެ ކަމަށް ބެލެވެއެވެ.