ދުނިޔެ

އިމާދު ލަތީފުގެ ކޮލަމް: ގަލްފުގެ ހަފޮޅުން އެތެރެޔަށް ގަތަރު އަލުން ގެނައުމުގެ ސިއްރަކީ ކޮބާ؟

ގަތަރާއި ސައުދީ އަރަބިޔާގެ ވެރިން މިދިޔަ އަންގާރަދުވަހު ބައްދަލުކުރައްވައި ވާހަކަފުޅުތަކެއް ދައްކަވައިފިއެވެ. މަންޒަރު ދެކޭންތިބި މީހުންނަށް ހީކުރެވުނީ ޒަމާންތަކަކަށްފަހު މިދެގައުމު އެއްގަލަކަށް އަރައި އަރައިރުންތައް އެއްފަރާތްކޮށް ރަހުމަތްތެރިކަމާއި އަވަށްޓެރިކަމުގެ ގުޅުންތައް އަލުން ގާއިމުކުރުމުގެ ވަގުތު އައީ ކަމުގައެވެ. ގަތަރުގެ އަމީރާއި ސައުދީ ވަލީއަހުދުގެ ހައިރާންކުރުވަނިވި ބައްދަލުކުރެއްވުން އައީ ސައުދީއަރަބިޔާގައި ބޭއްވުނު ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ސަމިޓުގެ އަރިމަތިންނެވެ. މިއީ ފަހަކަށް އައިސް މި ޖަމާއަތުގެ އެއްވުމެއްގައި ގަތަރުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ގަލްފުގެ ގައުމުތަކުގެ ވެރީންނާއި ގަތަރުގެ އަމީރު ޒަމާންތަކަކަށްފަހު އެއްތަންވެ ގަތަރާއި ސައުދީ އަރަބިޔާގެ ވެރިންގެ މެދުގައި ވާހަކަފުޅުތަކެއް ދެކެވުނަސް ދެގައުމުގެ ގުޅުން ގޯސްވެ އެކުވެރިކަމާއި އަޚުވަންތަކަމުގެ ވައުފަށް ކަނޑައިލާން މެދުވެރިވި ސަބަބު އޮތްގޮތަށް އަދިވެސް އޮތީއެވެ. ސައުދީންގެ ޝަރުތުތަކަށް ގަތަރު ދީލައިލުމުގެ ވާހަކައެއް ނެތެވެ. އޮތީ ސައުދީން ދޫދިނުމުގެ ވާހަކަތަކެވެ. އެހެންވީމާ ގަބޫލުކުރެވެނީ މިއީ ހާލަތާއި ވަގުތުގެ ގޮތުން ކުރިމަތިވީ މަޖްބޫރީއެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމުގައެވެެ. އަރައިރުންތަކުން ނަތީޖާއެއް ނުނެރެވި ލޮޑުވެފައި ތިއްބައި ދުނިޔޭގެ އޮޔާއި ވަޔަށް އައި ބަދަލެއްގެ ސަބަބުން ބޭއްވުނު ބައްދަލުވުމެއް ކަމުގައެވެ.

ގަތަރާއި ސައުދީ އަރަބިޔާގެ ގުޅުން ގޯސްވީ މީގެ ތިންއަހަރު ކުރިންނެވެ. ގަތަރުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ގުޅުން ކަނޑައިލީއެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އެޅީއެވެ. ގަތަރު އެކަހެރިކޮށް ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއްވެސް އެޅީއެވެ. ސައުދީ އަރަބިޔާގެ އެދުމަށް ގަލްފުގެ ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭނުންވެސް ގަތަރާއި ގުޅުން ކަނޑައިލީއެވެ. މިސްރުންވެސް ހަމަ މިގޮތަށް އަމަލުކުރީއެވެ. ގަތަރުގެ މައްޗަށް ހަރުކަށިވެގެންވާ ބޮޑެތި ބޮޑެތި ޝަރުތުތަކެއްވެސް ކުރިމަތިކުރީއެވެ.

ގަތަރު އެކަހެރިކޮށް ނިކަމެތި ކުރުމުގެގޮތުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ސުމެކެވެ. އީރާނާއި ތުރުކީއާ ދުރުހެލިވެގަތުމުގެ ސިޔާސަތެއް ގަތަރުން ނުގެންގުޅުނެވެ. އަލްޖަޒީރާ ޓީވީ ބަންދެއް ނުކުރިއެވެ. ފަލަސްތީނުގެ ޒައާމަތަށް ގަތަރުން ކުރާ ތާއީދު ބަދަލެއްވެސް ނުކުރިއެވެ. ސައުދީ އަރަބިޔާއާއި އެމިރޭޓްސް ދައްކާ މަގުން ލޯމަރާލައިގެން ތިބެ ކުރިޔަށް ދިއުމުގެ ވިސްނުމެއްވެސް ގަތަރުން ނުގެންގުޅުނެވެ. ލޮޅުންއެރީ އަރަބީންގެ އެއްބައިވަންތަ ކަމަށެވެ. ބޭޒާރުވީ ސައުދީ އަރަބިޔާގެ ސިޔާސަތުގެ ނުކިއްސަރުކަމެވެ. އެހެންވީމާ ކުރީގެ ނޭއްގާނީ ސިޔާސަތު ބަދަލުކޮށް ގަލްފުގެ އެކުވެރިކަމުގެ ހަފޮޅުން އެތެރެޔަށް ގަތަރު އަލުން ގެނައުން ފިޔަވައި އެހެން ގޮތެއް ސައުދީ އަރަބިޔާއަކަށް ނެތެވެ.

އެމެރިކާގެ ރައީސް ޓްރަމްޕުގެ ވެރިކަމުގެ ދައުރުވެސް މިހިރަގެން ނިމެނީއެވެ. އެހެންވީމާ ގަތަރާ ގުޅުން ގާއިމުކޮށް މާޟީ ހަނދާން ނައްތައިލުމުގެ ވަގުތުވެސް ބޯމަތިވީއެވެ. ސައުދީ އަރަބިޔާއާއި އެމިރޭޓްސް ގުޅިގެން ގަތަރު ބޮއިކޮޓްކޮށް ގަތަރު ކުޑަކަކޫމައްޗަށް ތިރިކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ހަގީގީ މަގްސަދަކީ އެދެގައުމު ދައްކާ މަގުން ހިނގާން ގަތަރަށް މަޖްބޫރުކުރުމެވެ. އީރާނާއި ތުރުކީއާ ފެޔަށް ޖެހޭން މަޖްބޫރު ކުރުމެވެ. ފަލަސްތީނުގެ ޖަމާއަތްތަކަށް ތާއީދު ކުރުން ހުއްޓުވުމެވެ. މިކަމެއް ނުވިއެވެ. ކުރިޔަށްވުރެވެސް ބޮޑަށް ގަތަރު ވަނީ އީރާނާއި ތުރުކީއާ ގާތަށް ޖެހިފައެވެ.

ގަތަރު ބޮއިކޮޓްކުރުމަށް 2017 ވަނަ އަހަރު އެޅި ފިޔަވަޅުތަކުން ގަތަރަށް ކުރިމަތިވި ގެއްލުންތައް ކިތަންމެ ބޮޑަސް އެ ފިޔަވަޅުތަކުން ގަތަރު ކުޑަކަކޫ މައްޗަށް ތިރިކޮށެއް ނުލެވުނެވެ. އެޔަށްވުރެ ގަތަރުގެ ތަނަވަސްކަމާއި ފޯރުންތެރިކަން ބޮޑެވެ. އަދި ދުރުވިސްނުމާއި ހިކުމަތު އަމަލީވެސް ބޮޑެވެ. ގަތަރުގެ ސައިޒު ވަރަށް ކުޑައެވެ. އާބާދީ މަދެވެ. އެހެންނަމަވެސް ގަތަރަކީ ގަލްފުގައިވާ އެންމެ މުއްސަނދި ގައުމެވެ. މިސަބަބަށްޓަކައި ސައުދީ އަރަބިޔާއާއި އެމިރޭޓްސްއިން ގަތަރު އެކަހެރިކޮށް ސަރަހައްދު ބަންދުކޮށްގެން އަދި އިތުރު ވިހިތިރީސް އަހަރަށް ދެމިތިއްބަސް ގަތަރު ބަނޑަކަށް ނުޖެހޭނެއެވެ. މިކަން އެދެގައުމަށް މޭރުންވި ކަމަށް ފެންނަނީ މާފަހުންނެވެ. ވަގުތުވެސް ފާއިތުވީފަހުންނެވެ.

އެމެރިކާގެ ރައީސްކަމުގެ އައު ދައުރަކަށް ޑޮނަލްޑް ޓްރަމްޕު އިންތިޚާބުވީނަމަ ފަހަރުގައި ސައުދީ އަރަބިޔާގެ ކުރީގެ ހަރުކަށި ސިޔާސަތު ދެމެހެއްޓުން އެކަށީގެންވެއެވެ. އެކަމަކު ޖޯ ބައިޑެންގެ ރިޔާސަތު ފެށުމަށްފަހު އީރާނާމެދު ގެންގުޅޭނީ ތަންކޮޅެއް މަޑުމައިތިރި ސިޔާސަތެއްކަން ކަށަވަރުވާތީއާއި ގަތަރުގެ މައްސަލައިގައި ސައުދީން ގެންގުޅޭ ހަރުކަށިކަމަށް ބައިޑެންގެ ސަރުކާރުން ތާއީދު ނުކުރާނޭކަން ކަށަވަރުވާތީ ގަތަރަށް ދޫދީގެން ހަފޮޅުން އެތެރެކުރުން ނޫން އެހެންގޮތެއް މިހާރަކު ނެތެވެ.

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑެން މިމަހުގެ ވިހިވަނަ ދުވަހު ހަވާލުވެވަޑައިގަންނަވާނެއެވެ. ޖޯ ބައިޑެންގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރާނޭ ޓީމު މިހާރުވެސް ވަނީ އެކުލަވާލައިފައެވެ. އެ ޓީމުން ސައުދީ އަރަބިޔާއާއި އެމިރޭޓްސްއަށް ވަރަށް ސާފުބަހުން އެމެރިކާގެ އައު ސިޔާސަތުގެ އަމާޒުތައް ވަނީ ކިޔައިދީފައެވެ. އަދި ގަލްފުގެ މައްސަލަ ހައްލުކުރަން އެދެގައުމު އިސްވެ މަސައްކަތްތަކެއް ފެށުމަށްވެސް ވަނީ އަންގައިފައެވެ. ގަލްފުގެ ސަމިޓުގައި ބައިވެރިވާން ގަތަރަށް ދައުވަތުދީގެން ގަތަރުގެ އަމީރު ސައުދީ އަރަބިޔާއަށް ގެންގޮސްގެން ޒައިތޫނި އޮފިކޮޅެއް ފޯރުވުމުގެ ފަހަތުގައި އޮތީ މިސަބަބެވެ.

ގަލްފުގެ ސަމިޓުގެ އަރިމަތިން ގަތަރުގެ އަމީރާއެކު ސައުދީ ވަލީއަހުދު ބޭއްވި ބައްދަލު ކުރެއްވުމުގައި ގުޅުންތައް އަލުން އިއާދަކުރުމުގެ ކުރިން ކުރަން ލާޒިމު ކަންކަމުގެ މައްޗަށް އެކުލެވޭ އަހުދުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގައި ގިނައިން ހިމެނެނީ ގަތަރުގެ ޝަރުތުތަކެވެ. މީގެ ތެރެއިން އެއްކަމަކީ ސައުދީ އަރަބިޔާ އާއި ގަތަރު ގުޅޭ އިން އަލުން ހުޅުވައިލުމެވެ. އެ އިމުގައި ކަންޒުކޮނެ ގަތަރު ޖަޒީރާއަކަށް ހެދުމުގެ މަޝްރޫއު ހުއްޓައިލުމެވެ.

ސައުދީ އަރަބިޔާ އާއި އެމިރޭޓްސް އާއި ބަހުރޭނާއި މިސްރުގެ ވައިގެ ސަރަހައްދު ގަތަރުގެ މަތިންދާބޯޓުތަކަށް އަލުން ހުޅުވައިލުމެވެ. ސައުދީ އަރަބިޔާއިން އަންގައިގެން މަޖުބޫރުކޮށްގެން ގަތަރާ ގުޅުން ކަނޑައިލި ގައުމުތަކުންވެސް އަލުން އެ ގުޅުންތައް އިއާދަކުރުމެވެ. ގަތަރުގެ މުދަލާއި ފައިސާ މިނިވަންކުރުމެވެ. ކުރިޔަށްއޮތް ދެތިންމަހުގެ ތެރޭގައި މިހުރިހާ ކަމެއް ކުރުމަށް ސައުދީ އަރަބިޔާއާއި އެމިރޭޓްސްއިން ވަނީ އެއްބަސްވެފައެވެ.