މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދޫގައި ކޮވިޑު ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 300 އެއްހާ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު "ވަން"އަށް ވިދާޅުވީ، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށާއި އެގޮތުން މިހާތަނަށް 150 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
"ހޮސްޕިޓަލުން އަޅުގަނޑުމެންނަށް މައުލޫމާތު ދިން ގޮތުގައި 300 އެއްހާ ސާމްޕަލް ނަގާނެ،" ތައުފީގް ވިދާޅުވިއެވެ.
ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެއެވެ. އޭގެ ފަހުން އިއްޔެ ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ދިހައަކަށް އަރާފައެވެ.
ދެއްވަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުނުއިރު އެކަމުގައި އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަށް އަޑުފެތުރުނެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގއ. ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު