ޚަބަރު

ކާޑެއްދޫ އެއާޕޯޓް މައްސަލައިގައި މިކުރަނީ ހައްގު ދައުވާއެއް، މިއުޅެނީ ބޭއިންސާފުން އެއްޗެއް ހޯދާކަށް ނޫން: ގާސިމް

ވިލާ އެއާއާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ގދ. ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލައިގައި ކުރާ ދައުވާއަކީ ހައްގު ދައުވާއެއް ކަމަށާއި އެއީ ބޭއިންސާފުން އެއްޗެއް ހޯދުމަށް ކުރާ ދައުވާއެއް ނޫން ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް، ހިންގުމަށް 2013 ވަނަ އަހަރު ވިލާ އެއާއާ ހަވާލުކުރި ނަމަވެސް 2017 ވަނަ އަހަރު އެ އެއާޕޯޓް ވަނީ އަތުލައިފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓާއި ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ވިލާ އެއާއާ އެއްކޮޅަށެވެ. އެ ދެ ކޯޓުން ވެސް ނިންމީ ދައުލަތުން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު ވިލާއަށް އޮންނާނެ ކަމަށެވެ. އެ ދެ ކޯޓުން އެގޮތަށް ނިންމުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެ މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވިލާއިން ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކަމަށާއި މިއަދުވެސް އެ އެއާޕޯޓުގައި ބޭނުންކުރަމުންދަނީ އޭރު އެކުންފުނިން އެތަނަށް ގެނައި ސެކިއުރިޓީ މެޝިންތަކާއި ޖަރަނޭޓަރުތަކާއި ގޮނޑިމޭޒުތައް ކަމަށެވެ. އަދި އެއްބަސްވުމުގައި ވިލާއަށް ކުއްޔަށް ދޭން އެއްބަސްވެފައިވާ ބ. މެންދޫ ވެސް ހަވާލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

"ދައުލަތުން މަޅިއެއް ޖައްސައި، މި ހުރިހާ ހަރަދެއް ކުރުވާފައި، ދައުލަތުން އޭގެ ބަދަލެއްގެ ގޮތުގައި އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ވާނެ ގެއްލުންތައް ފޫބެއްދުމަށްޓަކައި އަޅުގަނޑުމެންނަށް ދެއްވާފައި އޮތް މެންދޫ ވެސް ހަވާލުނުކޮށް ތިން އަހަރު ވެގެންދާއިރުވެސް އެ ވިދާޅުވަނީ ނެގޯޝިއޭޓްކޮށް ވާހަކަދައްކަނީއޭ. އެކަން ވެސް އެގެންދަނީ ދިގު ދަންމަމުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މިކުރަނީ ހައްގު ދައުވާއެކޭ. ބޭއިންސާފުން ސަރުކާރުން އެއްޗެއް ހޯދުމުގެ ބޭނުމުގައެއް ނޫނޭ،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ އެ އެއްބަސްވުމުގެ 15 މާއްދާއާ ހިލާފުވުމުން ކަމަށް ދައުލަތުން ބުނި ނަމަވެސް، އެ މާއްދާގައިވާ ގޮތަށް އެއާޕޯޓުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަނުވާކަމަށްވަންޏާ، އެއާޕޯޓް ބަންދުކުރުމުގެ ހާލަތެއް އަންނަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިންގަނޑެއް ފުރިހަމަނުވާ ކަމަށްވަންޏާ، އެކަމެއް ފުރިހަމަކުރުމަށް މުހުލަތެއްދީ، ފުރިހަމަކުރަންވީ ކަންކަން އަންގާ ކަމަށެވެ. އަދި ސިވިލް އޭވިއޭޝަނުން ކާޑެއްދޫ އެއާޕޯޓުގައި އޭރު ހެދި އިންސްޕެކްޝަނުގައި ފާހަގަކުރި ކަންކަން ސާފުކޮށްދީފައިވާނެކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"ފަޔާ ލޮރީއެއް ނެތޭ ވިދާޅުވާ އިރު، ދެ ފަޔާ ލޮރީއެއް ގެނައިން. އޭރު އެ އެއްޗެހި ހުރީ މާލޭގައި. އެކަންވެސް ކުރިން ވާނީ ދަންނާވާފައި. ފިއުލް ކަންތަކުގައި އޭރު ފިއުލް ކަންތައްތައް ހަމަޖައްސައިދެނީ އެސްޓީއޯ އިން. އެސްޓީއޯ އަތުން ނަގައި އަޅުގަނޑުމެންނަށް އެކަން ހަވާލުކުރުމަށް ވެސް ދައުލަތުގައި ދެންނެވިން. ބ. މެންދޫ އަޅުގަނޑުމެންނަށް ދިނުމަކީ ވެސް އެގްރިމެންޓުގެ މާއްދާއެއް،" އޭނާ ވިދާޅުވިއެވެ.

އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ބުނީ ވިލާއާ ކާޑެއްދޫ އެއާޕޯޓު ހަވާލުކުރީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޓްކުރަން ކަމަށާއި އެއްބަސްވުމުގެ އެންމެ މާއްދާއަކާ ހިލާފުވިޔަސް އެއްބަސްވުން ބާތިލުކުރުމުގެ ބާރު ދައުލަތަށް އޮންނަ ކަމަށެވެ.

ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެގެ އަޑުއެހުން ނިންމަވައިލެއްވީ އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމުގެ ކުރިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދޭ މިންވަރާއި އަދަދު ކަނޑައެޅި ގޮތުގެ ލިޔުމެއް ހުށަހެޅުމަށް ވިލާއަށް އެންގެވުމަށްފަހުއެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.