އިލެކްޝަނަސް ކޮމިޝަން (އީސީ)ގައި ނައިބު ރައީސަކު ނެތުމުން ގާނޫނީ ގޮތުން ދިމާވާނެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނައިބު ރައީސަކު ހޮވާނީ އެ ކޮމިޝަނަށް ފަސް މެންބަރުން ހަމަވުމުން ކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީސީގެ ނައިބު ރައީސެއް ކަނޑައަޅާން ވަކި ގޮތެއް ގާނޫނުގައި ބުނެފައި ނުވާ ކަމަށާއި މިވަގުތުން ވަގުތަށް ނައިބު ރައީސަކު އައްޔަން ނުކުރުމުގެ ސަބަބުން ދިމާވާނެ ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މިވަގުތު އެ ކޮމިޝަނަށްވެސް ނައިބަކު ނެތުމުން ދިމާވާނެ އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ޝަރީފް ވިދާޅުވީ ނައިބު ރައީސަކު އެ ކޮމިޝަނަށް އައްޔަން ކުރާނީ ފަސް މެންބަރުން ހަމަވުމުން ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާއިރު އެ މަގާމަށް ކުރިމަތިލީ މީހުންގެ ނަންތައް ރައީސް އޮފީހަށް މިހާރު ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އާ ދައުރަށް މަޖިލިސް ފެށުމާއެކު ނަން ފޮނުވާނެ އެވެ.

އީސީގެ މެންބަރެއްގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އީސީ އަށް ނައިބު ރައީސަކު ހޮވާނީ އެ ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިންނެވެ. އަކުރަމް އިސްތިއުފާ ދިނުމާއި ގުޅިގެން އީސީގައި މިހާރު ތިއްބެވީ ހަތަރު މެންބަރުންނެވެ.