ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމި ހުރި މަސައްކަތްތަައް، ނިންމުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ.

މި މަސައްކަތްތައް ފައްޓަވައިދެއްވީ ވޭމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. މި ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭމަންޑޫގެ ނަރުދަމާ މަޝްރޫއަކީ މީގެ ކުރިން އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 26 އޮކްޓޯބަރު 2020 ގައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކް ގާއިމުކުރުމާއި 98 މީޓަގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި އެއް ސީ އައުޓް ފޯލް ގާއިމުކުރުމާއި ވޭލް ޗެމްބާ ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާ ސެޓާއި ވެހިކަލްވެސް އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭނެއެވެ.

ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.