ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށް އަދި މޯލްޑިވިއަންގެ އެމްޑީގެ މަގާމަށް މުހައްމަދު މިހާދު އައްޔަންކޮށްފިއެވެ.

އެ މަގާމުތަކަށް ރިޒްވީ އާއި މިހާދު އައްޔަންކޮށްފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެ ދެ ބޭފުޅުން މިހާރު މަގާމުތަކަށް އައްޔަންކޮށްފައިވާކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ނައިބު ރައީސް އާސިމް މުހައްމަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުން ރިޒްވީގެ ނަން ނޮމިނޭޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެކުންފުނީގެ ބޯޑު އައްޔަނުކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން މިހާރުވެސް ބައެއް ބޯޑު މެންބަރުން އައްޔަނުކުރައްވާފައިވާ ކަމަށް އާސިމް ވިދާޅުވިއެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން މިދިޔަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

ޕީސީބީގެ ނައިބު ރައީސް އާސިމް ވިދާޅުވީ ރިޒްވީގެ ބަދަލުގައި މޯލްޑިވިއަން ހިންގާ ކުންފުނި، އައިއޭއެސްގެ މެންބަރުކަމާއި އެމްޑީ ކަމަށް މިހާދު އައްޔަންކޮށްފައިވާ ކަމަށާއި އިތުރު މެންބަރެއް ވެސް އެ ބޯޑަށް އައްޔަންކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މެންބަރުގެ ނަން އާސިމް ހާމަކުރައްވައިފައެއް ނުވެއެވެ.

ރިޒްވީގެ ބަދަލުގައި މޯލްޑިވިއަންގެ އެމްޑީގެ މަގާމަށް އައްޔަންކުރި މިހާދަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ މިހާދަކީ މިހާރުވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު މެންބަރެކެވެ.