އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ށ. ފުނަދޫ "އަމާން ވެށި" އަށް މިއަދު ބަދަލުކޮށްފި އެވެ.
މިދިޔަ މަހުގެ ތެރޭގައި 17 ކުއްޖަކު ބ. އޭދަފުށިގައި ހުންނަ އަމާންވެއްޓަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ފުނަދުއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީއާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާއިޝަތު ރަޝީދެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެފަދަ މާހައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.
ފުނަދޫގައި ގާއިމުކޮށްފައިވާ އަމާންވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްގީކޮށްފައިވާ މިފަދަ ދެވަނަ ތަނެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއި ސަންފްރަންޓް ލިވިންގެ ފަރާތުން މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންގެންދާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުން އަންނަ އިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ހާލަތު އާދެއެވެ.
އަތޮޅު ތެރޭގައި ގާއިމުކުރެވޭ މިފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއެކުގައި ކަމަށާއި އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވައިދީފައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިން ކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެ ކަމަށެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފުނަދޫއާއި އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު