ޚަބަރު

އަމާޒަކީ އެގްރޯނެޓާއެކު މަސައްކަތްކުރާ ދަނޑުވެރިންގެ 40 އިންސައްތައަކީ އަންހެނުންނަށް ހެދުން: ހާރޫން

އަލީ ޔާމިން

އަމާޒަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއެކު މަސައްކަތް ކުރާ ދަނޑުވެރިންގެ 40 އިންސައްތައަކީ އަންހެނުންނަށް ހެދުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެއްޖެ އެވެ.

އެގްރޯނެޓަކީ، ރާއްޖޭގައި ދަނޑުވެރިން އުފައްދާތަކެތި ގަނެ ދަނޑުވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދިނުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އެގްރޯނެޓުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިރޭ ހާރޫން ވިދާޅުވީ، އެގްރޯނެޓުގެ މަސައްކަތް ފަށައިގެން ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން ކުރާ 45 ރަށެއް ފާހަގަކޮށް، އެ ރަށްތަކުގެ ދަނޑުވެރިން ލައްވާ ކޮންޓްރެކްޓް ފާމިންގެ އުސޫލުން 17 ބާވަތެއް ހެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެގްރޯނެޓާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،000 އަށްވުރެ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކޮށް، އެގްރޯނެޓާއެކު މަސައްކަތް ކުރުމަށް އެދިފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން މިވަނީ 1158 ބައިވެރިން އެބަވޭ އަޅުގަނޑުމެންނަށް އެޕްލައިކޮށްފައި،" ހާރޫން ވިދާޅުވިއެވެ.

މީގެ އިތުރުން ހާރޫން ވިދާޅުވީ، އެގްރޯނެޓުން އަންހެން ދަނޑުވެރިން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެގޮތުން އަމާޒަކީ، އެ ކުންފުންޏާއެކު މަސައްކަތްކުރާ ދަނޑުވެރިންގެ 40 އިންސައްތައަކީ އަންހެނުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއެކު މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ދަނޑުވެރިންގެ ތެރެއިން ހަގީގަތުގައި 40 އިންސައްތައަށްވުރެވެސް ބޮޑުވެގެން އެބަދޭ އަންހެން ބޭފުޅުން މިދާއިރާގައި ހަރަކާތްތެރިވާ،" ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ މަސައްކަތް ފަށަނީ ލާމު އަތޮޅުގައި ކަމަށާއި އެގޮތުން އެ އަތޮޅުގެ 448 ދަނޑުވެރިއަކާއެކު ކޮންޓްރެކްޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގްރޯނެޓުން ހައްދާ ތަކެތި، އަންނަ ރަމަޟާން މަހަށް ބާޒާރަށް ނެރެވޭނެ ކަމަށްވެސް ހާރޫން ވިދާޅުވިއެވެ.