މަތީ ފެންވަރުގައި ހަދާފައިވާ ސޮނޭވާ ޖާނީން މިދިޔަ މަހު ސާވިސްޗާޖުގެ ގޮތުގައި، ކޮންމެ މުވައްޒަފަކަށް 40،000 އަށްވުރެ ގިނަ ރުފިޔާ ބަހައިފި އެވެ.

ނ. އަތޮޅުގައި ސޮނޭވާ ރިސޯޓްސް އިން ހިންގާ ސޮނޭވާ ޖާނީގެ ހަޔާތުގައިވެސް މިއީ މިހާ ބޮޑު އަދަދެއް ސާވިސްޗާޖުގެ ގޮތުގައި ދިން ފުރަތަމަ ފަހަރު ކަމަށް އެ ރިސޯޓުން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ މަހު އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި 2663 ޑޮލަރު ވަނީ ބަހައިފަ އެވެ. މި ސާވިސްޗާޖު ދީފައިވަނީ ސޮނޭވާފުއްޓަށް ލިބުނު އާމްދަނީ އެއްކޮށްލައިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އާ އަހަރާ ދިމާކޮށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ސާވިސްޗާޖު ދެވަނައަށް އެންމެ ގިނައިން ދީފައިވަނީ ވެލާ ޕްރައިވެޓުންނެވެ. އެ ރިސޯޓުން 1832 ޑޮލަރު ކޮންމެ މުވައްޒަފަކަށް ބަހާފައިވާ އިރު، ނައުޓިލަސް މޯލްޑިވްސް އިން 1،332 ޑޮލަރު އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން 1،326 ޑޮލަރު ދީފައިވެ އެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުންގެ ވަޒީފާވެސް ގެއްލުނެވެ. އެހެން ނަމަވެސް ބޯޑަރު ހުޅުވުމާއެކު ގިނަ ރިސޯޓުތައް ހުޅުވައި އަލުން މުވައްޒަފުން ވަނީ ނަގައިފަ އެވެ.