ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު އެމްޓީސީސީގެ ޓީމާއި މެޝިނަރީ ޕްރޮޖެކްޓް ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.

ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.

ޑިސެމްބަރު 29، 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 33.1 މިލިއަން ރުފިޔާއަށް، 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.