ގާނޫނުއަސާސީއާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. ދީދީ މިހެން ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން، އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން ދިޔަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނުމުން ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. ދީދީ ވިދާޅުވީ، ހެލްތު އިމަޖެންސީ ދެމިއޮތަސް، ގައުމު އޮތީ ލޮކްޑައުންގެ ހާލަތަކު ނޫން ކަމަށާއި އެހެންކަމުން އިންތިހާބު ބޭއްވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެންނަށް ގާނޫނީ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި ޖަވާބުދާރީ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އޮތީ މިއަހަރަށް ފަސްކޮށްފަ އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން، އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިންނެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށް ވެސް ހާއްސަ ގާނޫނުގައި ވެއެވެ.
މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން މުހިންމު ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު