ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެއްވަރުކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، މެޗުގައި ޓީސީގެ ގޯލް ޖެހީ އިތުރު ވަގުތުގެ ވެސް ފަހު މިނެޓުގައެވެ. މިރޭގެ ނަތީޖާއާއެކު ޓީސީއަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ ފަަސްވަނައިގައެވެ. ޔޫވީއަށް ހަތަރު މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ އަށްވަނައިގައެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ޔޫވީން ހަމަލާތައް އުފެއްދިއެވެ. ކުރިން ޓީސީއަށް ކުޅެ، މިހާރު ޔޫވީއަށް ކުޅެފައިވާ އެނަޓޮލީ ވްލާސިޗޭވް ފޮނުވާލި ހިލޭ ޖެހުމެއް ޓީސީގެ ގޯލްކީޕަރު އާޒާދު އެލްމަޑިން މަތަކުރި އިރު، އަލީ ހައިޝަމް (ޗުމްޕު) އޭރިއާ ތެރެއަށް ވަދެ، ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެންދިޔަ އިރު، ޔޫވީން ލީޑު ނެގީ 58 ވަނަ މިނެޓުގައި އިސްމާއިލް އީސާ ނެގި ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައެއް އަޒިނިއަޒޯފް މަރަޓް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
ޔޫވީން މެޗުގެ ލީޑު ނަގައި ކޮންޓްރޯލް ހޯދައިގެން ކުޅެން ފެށިއެވެ. އެހެން ނަމަވެސް އެޓީމުގެ ހިތްވަރަށް އެންމެ ބޮޑު އަސަރެއް ކުރީ، ދެ ސެންޓްރަލް ޑިފެންޑަރުން ކަމަށްވާ އަބްދުއްރަހްމާން އާދިލް އާއި ފިރާގް ޔާސީނަށް އަނިޔާވެގެން ބާލަން ޖެހުމުންނެވެ. ޔޫވީގެ ޑިފެންޑަރުންގެ ބަދަލާއެކު އަނެއްކާވެސް ޓީސީން މެޗުގެ ކޮންޓްރޯލް ހޯދިއެވެ.
ކުރިއަށް ޖެހި ކުޅެން ފަށައި، އެޓޭކް ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އިބްރާހިމް އަބްދުލްވާހިދު ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅައިން އަޖުފާން މުހައްމަދު ގޯލް ޖަހައި، ޔޫވީ މާޔޫސްކޮށްލިއެވެ. އެ ގޯލާއެކު މެޗު ނިމިގެން ދިޔައީ އިތުރު ހަމަލާއަކަށް ވަގުތު ނުލިބިއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު