ބޮލީވުޑް ސުޕާސްޓާ ސަލްމާން ޚާންގެ ފިލްމު ރާދޭ އޮންލައިން ޕްލެޓްފޯމުގައި ރިލީސް ކުރުމުގެ ބަދަލުގައި ބޮޑު ސްކްރީނުގައި އަޅުވައިދިނުމަށް އެދި ތިއޭޓަރު ތަކުން ސިޓީއެއް ފޮނުވައިފިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ސިނަމާތަކާއި ފިލްމު އިންޑަސްޓްރީއަށްވެސް ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިއަޅުގައި ތިއޭޓަރުތައް 50 ޕަސެންޓް އޮކިއުޕަންސީގައި ބޭނުން ކުރުމުގެ ހުއްދަ ވަނީ މިހާރު ދީފައެވެ. އެހެންކަމުން ސަލްމާންގެ ފިލްމު ސިނަމާގައި އަޅުވައިފިނަމަ ތިއޭޓަރުތަކަށް އޭގެން ފައިދާވެގެންދާނެ ކަމަށް އެމީހުންގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

ފިލްމު ރާދޭގެ ޓީމުން އެ ފިލްމުގެ ރިލީސްއާ މެދު މާބޮޑު އެއްޗެއް އަދި ހާމަކޮށްފައި ނުވިނަމަވެސް އަޑުތައް އަރާފައިވާގޮތުގައި މިދިޔަ ނޮވެމްބަރުން ފެށިގެން ތިއޭޓަރުތަކުގެ ފަރާތުން އަންނަނީ ފިލްމު ރާދޭގެ ރިލީސް ލަސްކޮށްދިނުމަށް އެދެމުންނެވެ. 12 ތިއޭޓަރެއްގެ ނަމުގައި ރަސްމީކޮށް ސިޓީއެއް ފޮނުވި މިއީ ފުރަތަމަ ފަހަރެވެ.

ފިލްމު ރާދޭގައި ބަތަލާއެއްގެ ރޯލުން ދިޝާ ޕަޓާނީ ފެނިގެންދާއިރު ރަންދީޕު ހޫދާ އާއި ޖެކީ ޝްރޮފްވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ރާދޭ އަކީ މިދިޔަ އަހަރު އީދުގައި ރިލީސްކުރުމަށް އިއުލާނުކޮށްފައިވާ ފިލްމެކެވެ. ސަލްމާންގެ އެހެން ފިލްމެއް ކަމަށްވާ "ކަބީ އީދު ކަބީ ދިވާލީ" މިއަހަރުގެ އީދުގައި ރިލީސްކުރާނެ ކަމަށް މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.