ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކަށް ކާކުކަން ނޭނގޭ ފަރާތްތަކާއި ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ބިދޭސީ ފަރާތްތަކުން ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދިނުން މަނާކޮށް ގާނޫނުގައި ބަޔާންކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފިއެވެ.
ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހާތްތެރިކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ދިރާސާއާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނީ، ދައުލަތުގެ ބަޖެޓު ފިޔަވައި ޕާޓީއަށް ފައިސާއާއި އެހީ ހޯދޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ފަރާތްތަކުގެ ކިބައިން ހޯދޭނެ ފައިސާ އާއި އެހީގެ މިންވަރާއި ބާވަތް ފަދަ ކަންކަން ގާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައި ނެތް ކަމަށެވެ. އެފަދަ ކަންކަން ސިޔާސީ ޕާޓީގެ ގާނޫނީ އޮނިގަނޑުގައި ކަނޑައެޅިފައި ނެތުމުން ޕާޓީތަކަށް ލިމިޓެއް ނުވަތަ ހުދޫދެއް ނެތި ފައިސާ ހޯދުމުގެ ފުރުސަތު ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ، ރިޝްވަތާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާއާއި އެހީ ހޯދުމަށް ހުޅުވިފައިވާ ފުރުސަތެއް ކަމަށެވެ. އެހެންކަމުން، އިންތިހާބީ ގާނޫނުގައި ކެންޑިޑޭޓުންނަށް ހަރަދުކުރެވޭނެ އަދަދު ލިމިޓްކޮށްފައިވީ ނަމަވެސް، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިތުރަށް ހަރަދުކުރުމުގެ ފުރުސުތު އޮތް ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ކެންޑިޑޭޓަކަށް ހަރަދުކުރެވޭނެ މިންވަރެއްގެ ގޮތުގައި ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަނޑައަޅާފައިވާ ކަމަށެވެ.
އެކަން އިސްލާހުކުރުމަށް ތިން ކަމެއް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުންނާއި ވިޔަފާރީގެ މުއާމަލާތްތަކުންނާއި ދަރަނީގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެހީ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅައި ބަޔާންކުރުމާއި ބިދޭސީ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ޕާޓީތަކަށް ގިނަވެގެން ދެވޭނެ ފައިސާ ނުވަތަ އެހީގެ މިންވަރެއް/ލިމިޓެއް ކަނޑައަޅައި ބަޔާންކުރުމުގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާއި، ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ބިދޭސީ ފަރާތްތަކުން ސިޔާސީ ޕާޓީތަކަށް ފައިސާއާއި އެހީ ނުހޯދޭނެ ކަމަށް ސީދާ ސަރީހަ ނައްސުން ކަނޑައަޅައި ބަޔާންކުރުމަށް ފާހަގަކޮށްފައިވެއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނީ، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ޕާޓީތަކަށާއި ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ހަރަދުކުރާ ކަމުގެ 37 މައްސަލައެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބާ ބެހޭ އާންމު ގަވައިދުގައި، ކެންޑިޑޭޓުންނަށް ސަރުކާރު ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ގާނޫނުން މަނާކޮށްފައި ނޯންނާތީ، ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެންޑިޑޭޓުންނަށް ދޭ އެހީ ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭސީސީން ވަނީ ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމާއި ސިޔާސީ ޕާޓީތަކުން ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުންސް ގާނޫނަށް ބައެއް ބަދަލުތައް ގެންނަ ލަފާދީފައެވެ.
- އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ކެންޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދު ނުކުރެވޭނެކަން ސިޔާސީ ޕާޓީގެ ގާނޫނުގައި ނައްސުން ބަޔާންކުރުން.
- ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބުނާ ދަރަންޏަށް ފައިސާ ނެގޭނެ ގޮތްތަކާއި ދަރަންޏާ މެދު ޒިންމާވާނެ ފަރާތްތައް ތަފްސީލުކޮށް ބަޔާންކުރުން. އަދި ޕާޓީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ތެރޭގައި ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާއާއި ދަރަނި ދިން ފަރާތުގެ މައުލޫމާތު ބަލަހައްޓައި ގަވާއިދުން އެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުން.
- ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް ލިބޭ ފައިސާގެ އަދަދާއި ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާއަކީ އެ ޕާޓީއަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރެވޭ އަދަދެއްކަމުގައި ނުވާނަމަ ދަރަނި ދެއްކުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ސިޔާސީ ޕާޓީގެ ގާނޫނުގައި ސަރީޙަކޮށް ކަނޑައެޅުން.
- ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ދައުލަތުގެ ތަކެއްޗާއި ހިދުމަތްތައް ދިނުމުގެ އުސޫލެއް ލިޔުމުން އެކުލަވާލައި މި އުސޫލުގައި ލިޔެކިޔުމުން ހުއްދަ ހޯދަންޖެހޭނެ ކަމަށް ކަނޑައެޅުން.
- ދައުލަތުގެ އިދާރާތަކުގެ މުދަލާއި ތަކެތި އެހެން ފަރާތްތަކަށް ދޫކުރާނަމަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 7.11 ،8.11 އަދި 10.11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ތަކެތި ދޫކުރުން.
- ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.
- ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުންނިތަކުން ހިންގާ ހަރަކާތްތަކުގައި ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ނުކުރެވޭގޮތަށް އުސޫލުތައް ބައްޓަންކުރުން.
ސިޔާސީ ޕަޓީތަކުގެ ދަފްތަރު ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ ސައްހަކަން ކަށަވަރުކުރެވޭނެ އިންތިޒާމެއް ނެތުމަކީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ނަޒާހަތްތެރިކަމުގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ހުށަހަޅަފައިވަނީ އަހަރަކު ދެ ފަހަރު، ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި މެންބަރުންގެ އަދަދު ކަށަވަރުކޮށް، ގަވައިދާ ހިލާފަށް ޕާޓީގައި މީހަކު ރެޖިސްޓްރީ ވުމަށް ހުށަހަޅާނަމަ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމަށާއި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް އިނާޔަތްދޭ އިރުމ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ޔަގީންކުރުމާއި ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުތައް ރަނގަޅަށް ކަށަވަރުކުރުމާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ އެފަދަ ފޯމުތަކާއި ޝަކުވާއާ ގުޅޭ ސްޓޭޓަސް ބެލޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.
އޭސީސީން ބުނީ، ޕާޓީތަކުން ފައިސާ ހަރަދުކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއްވެސް ނެތް ކަމަށެވެ. އެ ކޮމިޝަނުން ބުނެފައިވަނީ އެކަން އެހެން އޮތުމުގެ ސަބަބުން ޕާޓީތަކުން ފައިސާ ހަރަދުކުރަނީ އެންމެ އެދެވޭގޮތުގައިތޯ ޔަގީން ނުކުރެވޭނެ ކަމަށެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް އޭސީސީން ވަނީ، ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދުކުރެވޭނީ ކޮން ކަންތައްތަކަކަށް ކަމާއި، ހަރަދުކުރެވޭނެ އެންމެ މަތީ މިންވަރެއް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމާއި، ޕާޓީތަކުން ހަރަދުކުރުން މަނާ ކަންކަމާއި، ކުށްކޮށްގެން ހޯދާ ފައިސާ ސިޔާސީ ހަރަކާތްތަކަށް ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނައްސުން ބަޔާންކޮށް އަދަބު ކަނޑައެޅުމަށާއި، ކެނޑިޑޭޓުންނެކޭ އެއްފަދައިން ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދުކުރާނެ ގޮތުގެ މިންވަރާއި އިންތިހާބުތަކާ ގުޅިގެން ޕާޓީއަކުން ހަރަދުކުރަންވާނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާއި، ދައުލަތުގެ ފާރަވެރި އިދާރާތަކާއި މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް މޮނީޓާކުރުމާއި، ޕާޓީތަކުގެ މަގުސަދުތަކުގައި ނުހިމެނޭ ކަންކަމަށް ހަރަދުކުރުމާއި، ވޯޓުގަތުން ފަދަ ގާނޫނާ ހިލާފު ކަންކަމަށް ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދުކުރާނަމަ އެކަންކަން ރިޕޯޓްކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުންގެ މާލީ ކަންކަމާ ގުޅޭގޮތުން އާންމުންނަށް ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމުތައް ގާއިމުކުރުމާއި، ހުށަހަޅާ ޝަކުވާތައް ބަލައި ތަހުގީގުކުރުމަށް ލަފާދީފައެވެ.
ޕާޓީތަކުން މާލީ ރިޕޯޓުތައް ހުށަހަޅަމުން ނުދިޔުމާއި، މާލީ ކަންތަކުގެ ދެފުށްފެންނަކަން ކުޑަކަން ފާހަގަކޮށް އޭސީސީން ބުނީ، ޕަޓީތަކާއި ކެންޑޑޭޓުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރަން ހުށަހަޅާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޒާމުތަކާއި ހިންގުން ހަރުދަނާކުރުމާއި ޕާޓީގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ފައިސާ ހަރަދުކުރާ ގޮތާ ގުޅޭ އުސޫލުތައް އެކުލަވާލައި އާންމުކުރުމަށެވެ. ސިޔާސި ޕާޓީތަކުން މާލީ ކަންކަމާ ގުޅޭގޮތުން ރިޕޯޓުކުރުމަށާއި، ފައިސާގެ ހިސާބުތައް އާންމުކުރުމަށް ވަކި ޓެމްޕްލޭޓެއް ހަމަޖެއްސުމަށާއި، ފައިސާއާއި އެހީ ނުވަތަ ލޯނު ދިން ފަރާތްތައް އެނގޭނެ ރަސްމީ ލިޔެކިޔުންތަކާއި، ދީފައިވާ އެހީގެ ބާވަތާއި، މިންވަރާއި ކުރެވުނު ހަރަދުގެ ތަފްސީލު މައުލޫމާތު ހިމެނުމާއި ކެނޑިޑޭޓުންނެކޭ އެއްފަދައިން ސިޔާސީ ޕާޓީތަކުންވެސް އިންތިހާބާ ގުޅިގެން ކުރާ މާލީ ހަރަދުތަކުގެ ރިޕޯޓު އިންތިހާބު ނިމުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނު އިސްލާހުކުރުމާއި، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މާލީ ބަޔާންތަކާއި އޮޑިޓް ރިޕޯޓްތަކާއި މާލީ ހިސާބުތައް ހާމަކާއެކު އާންމުންނަށް ފަސޭހައިން ފެންނާނެ އޮންލައިން ޕޯޓަލްއެއް ގާއިމުކުރުމުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން މޮނީޓާކުރުމުގައި މީޑިޔާއާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ދައުރު އިތުރުކުރުމަށް ލަފާދީފައިވެއެވެ.
އޭސީސީން ބުނީ، އެ ކޮމިޝަނުގެ ދިރާސާއިން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން އިތުރަށް ބަލައި ދިރާސާކުރުމާއި ދިރާސާގައި ދީފައިވާ ލަފާ ތަންފީޒުކުރުމަކީ ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރެވޭކަން ކަށަވަރުކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު