އެމެރިކާ އާއި ފްރާންސްގެ ލޯނުތައް ދެއްކުން ރާއްޖެއަށް ފަސްކޮށްދީފިއެވެ.

ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އަދި ފްރާންސްއާ އެކު "ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް"ގެ ދަށުން ސޮއިކޮށްފަ ވަނީ މިއަދުއެވެ.

ސްރީލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒްއެވެ. އަދި ފްރާންސްގެ ފަރާތުން ސޮއިކުރެއްވީ ފްރާންސް އިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލެވާޓްއެވެ.

އެމެރިކާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެއީ 100،000 ޑޮލަރުގެ ޑެޓް ރިލީފް އެއްބަސްވުމެއް ކަމަށެވެ.

އެމެރިކާ އަދި ފްރާންސް އިން މިފަދަ ލުޔެއް ދިނުމަކީ ކޮވިޑުގައި ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ދިން އިތުރު އެހީތެރިކަމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާ އާއި ފްރާންސްގެ އިތުރުން އެހެން ބައެއް ގައުމުތަކަށްވެސް ރާއްޖެއިން ދައްކަންޖެހޭ ލޯނު ފައިސާ ދެއްކުން ވަނީ ފަސްކޮށްދީފައެވެ. އަދި ބައެއް ލޯނުތައް ފަސްކޮށްދިނުމަށް އެދި، އެހެން ބައެއް ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާވެސް ރާއްޖެއިން އަންނަނީ ވާހަކަދައްކަމުންނެވެ.