ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން، ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީގައި ހިމަނާފައިނުވާ ޕެސްޓިސައިޑުގެ ބާވަތްތައް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، އަދި ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފި އެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ދިވެހިރާއްޖެ ބޭނުންކުރުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ވިއްކުމާއި، ނައްތާލުމާބެހޭގޮތުން "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު ވަނީ އެކުލަވާލައިފަ އެވެ. އަދި އެ ގާނޫނުގެ ދަށުން "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ"،ގައި ހިމަނާފައި ނުވާ އެހެނިހެން ބާވްތަތަކުގެ ޕެސްޓިސައިޑް ނުވަތަ ގަސްކާނާ ރާއްޖެ އެތެރެ ކުރުން ދަނޑުވެރިކާބެހޭ މިނިސްޓްރީން ވަނީ މަނާ ކޮށްފަ އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުއްދަ ދީފައިވާ ޕެސްޓިސައިޑް ރަޖިސްޓްރީ ޝާއިއުކުރާ ތާރީހުން ފެށިގެން، ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް ރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރުކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރަޖިސްޓްރީ ޝާއިއުކުރާ ތާރީހުން ފެށިގެން، ދެމަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖެއަށް އެތަކެތި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުންވެސް މަނާވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރަށް ރަޖިސްޓްރީ ޝާއިއުކުރާ ތާރީހުން ފެށިގެން، ތިން މަސްދުވަސް ހަމަވުމަށްފަހު ރާއްޖޭގައި އެ ތަކެތި ވިއްކުން މަނާވާއިރު ރަޖިސްޓްރީ ޝާއިއުކުރާ ތާރީހުން ފެށިގެން އެއް އަހަރު ހަމަވުމަށްފަހު އެ ތަކެތި ބޭނުންކުރުން މަނާވާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމުގެ ގާނޫނު ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ގާނޫނުގައި ބުނެފައިވަނީ ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ފިޝަރީސް މިނިސްޓްރީގައި ގާއިމްކުރެވި އެ ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެ ކަމަށެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒުކުރުމާއި ޕެސްޓިސައިޑް ތަހުލީލު ކުރުމަށްޓަކައި ރަސްމީ ލެބޯޓަރީތައް ގާއިމްކުރެވިގެންދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓާކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާ ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެ ކަމަށާއި، މި ގާނޫނާ ހިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ.