ރާއްޖޭގެ އެންމެ ރަނގަޅު ޓުއާ އޮޕަރޭޓަރުގެ އެވޯޑް "ޓްރެވެލް ކަނެކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ޓީސީއެމް) އަށް ލިބިއްޖެއެވެ.

ޓީސީއެމްއަށް އެ އެވޯޑް ލިބުނީ ކޭއެސްއޭ ޓޫރިޒަމް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީން އިންތިޒާމުކޮށްގެން މިމަހުގެ 28 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި "އިންޓަނޭޝަނަލް ޓްރެވެލް އެވޯޑް 2020" ގަ އެވެ.

ކޭއެސްއޭ ޓޫރިޒަމް މާކެޓިން އެންޑް ޕީއާރް ކުންފުންޏަކީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގައި ދިހަ އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކުންފުނިން 5،000 ވުރެ ގިނަ ޓޫރިސްޓް ބްރޭންޑް ޕްރޮމޯޓް ކުރެއެވެ.

ރާއްޖޭގެ އެންމެ ރަނގަޅު ޓުއާ އޮޕަރޭޓަރުކަން ލިބުމުން ޓީސީއެމްގެ ސީއީއޯ މުހައްމަދު މިރްޝާދު ވިދާޅުވީ، އެ އެވޯޑް އެކުންފުންޏަށް ލިބުމުން އުފާކުރާ ކަމަށާއި އެއީ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި އެ އެވޯޑް ލިބުނީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި އޭނާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން މިރްޝާދު ވިދާޅުވީ، ގޮންޖެހުންތައް ހުރިނަމަވެސް ދުނިޔޭގެ އެންމެ ރަނގަޅު މަންޒިލް ފަތުރިވެރިންނަށް ދެއްކުމުގެ މަސައްކަތުގައި ދެމި އޮންނާނެ ކަމަށާއި ފަތުރުވެރިންނާއި ގާތުން އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އިންޓަނޭޝަނަލް ޓްރެވެލް އެވޯޑް 2020 ގައި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ބައިނަލްއަގުވާމީ ދަތުރުވެރިންނާއި ޓޫރިޒަމް ސިނާއަތުގެ އިސްވެރިން ހިމެނޭހެން 100،000 ވުރެ ގިނަ ވޯޓުންނެވެ.