ކުޅިވަރު

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕް: ފައިނަލްގައި އިންޑޯ ބަލިކޮށް، ރިވައިވަލް ތަށި އުފުލާލައިފި

ކޮވިޑް 19އަށްފަހު ބޭއްވި ފުރަތަމަ ބެޑްމިންޓަން ހަރަކާތް، ބީއެމް މިކްސް ޗެމްޕިއަންޝިޕް ސީރީސްގެ ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ރިވައިވަލްއިން ފައިނަލުގައި އިންޑޯ ސްޕޯޓްސް ަބލިކުރީ 4-2 ގޭމްސްއިންނެވެ. ރިވައިވަލް އިން ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.

އިއްޔެގެ ފައިނަލް މެޗުގައި ކުޅުނު ފުރަތަމަ ގޭމަކީ ފިރިހެން ޑަބަލްސްގެ ގޭމެކެވެ. ރިވައިވަލްގެ ޒަޔާން ޒަކީ އާއި އަހުމަދު ވަސީމްގެ ޕެއާ ވަނީ ފަސޭހަކަމާއެކު 15/13، 15/09 އިން އިންޑޯގެ މުހައްމަދު އާކިފް އާއި ހަސަން ފާކިރުގެ ޕެއާ ބަލިކޮށްފައެެވެ. ދެ ވަނަ އަށް ކުޅުނު އަންހެން ޑަބަލްސްގެ ފުރަތަމަ ގޭމުން ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ޝިޔާނާ އަހުމަދުގެ ޕެއާ ވަނީ އިންޑޯގެ ނާޒިމާ މުހައްމަދާއި އައިމިނަތު ނަސީމާގެ ޕެއާ 15/11، 15/08 އިން ބަލިކޮށްފަ އެވެ.

މެޗަށް ވަނުމަށް އިންޑޯއަށް ގޭމެއް ނަގަން މަޖުބޫރު ވެގެން ދިޔައިރު، ޖެހިޖެހިގެން ދެން ކުޅުނު ދެ ގޭމް އިންޑޯ އިން ގެންދިޔައެވެ. ފުރަތަމަ މިކްސް ޑަބަލްސް އިން އިންޑޯގެ އާކިފް އާއި ނަސީމާގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ނަބާހާ އާއި އިބްރާހިމް ރާޝިއުގެ ޕެއާ އަތުން މޮޅުވެފައެވެ. ދެ ވަނަ ފިރިހެން ޑަބަލްސް އިން އިންޑޯގެ ރިޝްވާން ޝިޔާމް އާއި ފާކިރުގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ޒަޔާން އާއި އާދަމް ނަޝްވަތުގެ ޕެއާ ބަލިކޮށްފައެވެ.

ރިވައިވަލްއިން ޗެމްޕިއަންކަން ހޯދީ ފަސް ވަނަ އަށް ކުޅުނު ދެ ވަނަ އަންހެން ޑަބަލްސް އާއި ހަ ވަނަ އަށް ކުޅުނު ދެ ވަނަ މިކްސް ޑަބަލްސް ކާމިޔާބު ކޮށްގެންނެވެ.

މިދިޔަ އަހަރު ތެރޭގައި އުފެދިގެން އައި ރިވައިވަލް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މުބާރާތެއްގައި ލިބުނު ދެ ވަނަ ކާމިޔާބީއާއެކު އެޓީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ބެޑްމިންޓަން ކްލަބެވެ.