އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުން އޮތް މެޗު ކުރު މުއްދަތެއްގެ ތެރޭގައި ކެންސަލް ކޮށްލަން ޖެހުނު ސަބަބުތަކުގެ ފުރިހަމަ ތަފްސީލު ހޯދަން އެވަޓަންއިން އެދިއްޖެއެވެ.
ރޭގެ މެޗަށް ހަތަރު ގަޑިއިރަށް ވެފައިވަނިކޮށް މެޗު ކެންސަލް ކޮށްލިކަމަށް ޕްރިމިއާ ލީގުން އިއުލާންކުރީ ސިޓީ ޓީމުގެ ބައެއް މެމްބަރުން ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ސިޓީގެ ކޭމްޕް ތެރޭގައި ކޮވިޑް ފެތުރޭ ކަމަށް ކްލަބުން އެންގުމާ ގުޅިގެންނެވެ. ސިޓީން އެފަދަ ގޮތަކަށް ޕްރިމިއާ ލީގަށް އަންގާފައިވަނީ ގެބްރިއަލް ޖެސޫސްއާއި ކައިލް ވޯކާ ކޮވިޑަށް ޕޮޒިޓިވް ވިތާ މާ ގިނަ ދުވަހެއް ނުވެއެވެ. އެ ދެކުޅުންތެރިން ޕޮޒިޓިވްވި ފަހުންވެސް ސިޓީން ބޮކްސިން ޑޭގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނިއުކާސަލް މެޗަށްފަހު 48 ގަޑިއިރު ފަހުން ސިޓީން ވަނީ ކްލަބު ތެރޭގައި ކޮވިޑް 19ގެ އާ ކޭސްތަކެއް ފެތުރެމުންދާ ކަމަށް އިއުލާންކޮށްފައެވެ. ސިޓީން އެކަން ހާމަކުރުމުން ޕްރިމިއާ ލީގުގެ ބޯޑުން ނިންމާފައިވަނީ ކުޅުންތެރިންގެ ސިއްހަތާއި ސަލާމަތަށްޓަކައި، އެވަޓަންއާ ދެކޮޅަށް ސިޓީން ކުޅޭ މެޗު ފަސްކުރަން އެންގުމަށެވެ.
ކޮވިޑް 19ގެ ހާލަތުގައި ޕްރިމިއާ ލީގު ކުރިއަށްގެންދަން އެކުލަވާލާފައިވާ ގައިޑްލައިން ބުނާގޮތުން މެޗެއް ފަސްކުރަން ހުށަހެޅޭނީ ކްލަބެއްގެ 14 ކުޅުންތެރިންނަށްވުރެ ގިނަ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.
ސިޓީ މެޗު ފަސްކުރުމުގެ ތަފްސީލަށް އެވަޓަންއިން އެދުނު އެދުމުގައި ބުނެފައިވަނީ ސިޓީން އެންގި އެނގުމަށް މެޗު ފަސްކުރަން ނިންމި ސަބަބުތައް ބުނެދޭން ޖެހޭ ކަމަށާއި އެކަންކަމަށް ސުވާލު އުފެއްދުމަކީ އެވަޓަންއިން އާންމު ސިއްހަތަށް ސަމާލުކަން ނުދޭ ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށް ދެކޭ ކަމަށެވެ.
އެވަޓަންއިން ތާވަލުގެ ރަނގަޅު ހިސާބެއްގައި އޮތް އިރު، 15 މެޗު ކުޅެ އެޓީމު ވަނީ 29 ޕޮއިންޓް ހޯދައިފައެވެ. އެވަޓަން މިވަގުތު ތިންވަނައިގައި އޮތް އިރު، ސިޓީ އޮތީ ތާވަލުގެ އަށްވަނައިގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު