ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ހުޅުމާލެ ޕްލެޓިނަމް ރެޒިޑެންސުން ފްލެޓެއް ބައްލަވައިގަތީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަދެފައިވާ އެސްއޯއެފުން ލިބުނު 150،000 އެމެރިކާ ޑޮލަރު (2.3 މިލިއަން ދިވެހި ރުފިޔާ) ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރިޔާސީ ކޮމިޝަން ގުޅިގެން ކުރި ތަހުގީގަށް ފަހު އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަކާއެކު ޖުމްލަ ހަ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
ޕީޖީ އޮފީހުން ބުނީ ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބާރުގެ ދަށުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އެ ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ނިހާނަށް ލިބިފައިވާކަން 2014 އިން 2019 އާ ދެމެދު އޭނާ ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ނިހާން ހުންނެވި ދުވަސްވަރު، ކުރީގެ ނައިބު ރައީސް އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވެންޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150,000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑެންސްއިން ފްލެޓެއް ގަނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ނިހާނަށް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކޮށްފައެވެ.
މީގެ އިތުރުން މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއްވެސް ނިހާން ލިބިގަނެފައިވާތީ އޭނާގެ މައްޗަށް ވަނީ ރިޝްވަތު ލިބިގަތުމުގެ ދައުވާކޮށްފައެވެ. އަދި 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ގަޑިއެއް ދިނުމަށް އަދީބު ގާތު އެދި އޭތި ބަލައިގެންފައިވާތީ، ރިޝަވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ ދައުވާވެސް ނިހާންގެ މައްޗަށް ވަނީ ކޮށްފައެވެ.
ނިހާން މަޖިލީހުގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމަށް 650،000 ދިވެހި ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އޭގައި ހިފައިވާތީ، ރިޝްވަތަށް އެދުމާއި ރިޝްވަތު ހިފުމުގެ އިތުރު ދައުވާއެއް ވެސް ނިހާންގެ މައްޗަށް ވަނީ އުފުލައިފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ނިހާން މީގެ ކުރިން ހާޒިރުކުރިއެވެ. އަދި އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި ނިހާން ވަނީ ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ޕީޕީއެމުން ވަކިވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު