ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް (ވާނުވާ ޖެހުމަށްފަހު) ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށް ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ކަނޑައަޅާފައި އޮތް ނަަމަވެސް، އެ މުއްދަތުގައި ބަނދު ރިވިއު ނުކުރުމަކީ، އެގޮތަށް ބަންދުގައި ތިބި މީހުންގެ ބަންދު ބާތިލުވެ، އެފަރާތްތައް ދޫކޮށްލެވޭނެ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑާފައި އޮތް ނަމަވެސް އެގޮތަށް އެކަން ނުކޮށްފިނަމަ، ނުވަތަ ބަނދުގެ ރިވިއު ނުކޮށްފިނަމަ ދެން ވާނެގޮތެއް ގާނޫނުގައި ބުނެފައެއް ނޯވެއެވެ.
އެކަމާ ގުޅޭ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން ކޯޓުން ބަލައި އޭގެ ތެރެއިން ތިން މައްސަލައެއްގައި އެ ކޯޓުން ހުކުމްކޮށްފައިވަނީ 30 ދުވަހުން ބަންދު ރިވިއު ނުކުރިޔަސް، އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއް މައްސަލައިގައި ހުކުމް ކޮށްފައިވަނީ އެ ހާލަތުގައި އެ ބަންދު ގާނޫނާ ހިލާފުވާނެ ކަމަށެވެ.
އޭގެ ތެރެއިން ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމްކުރި ތިން މީހުން ކަމުގައިވާ ގދ. ހޯޑެއްދޫ، ގުލޭ ނޫރަންމާގޭ، އަލީ ޒުބެއިރު އާއި ލ. ކަޅައިދޫ، މަތަރެސްމާގޭ، ހުސެއިން ޒަހީނާއި ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމްތައް ބާތިލުކޮށްދެއްވައި އިސްތިއުނާފު އެ ތިން މީހުން ވަގުތުން މިނިވަން ކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި ތިން މައްސަ އެކުއެކީގައި ބެލުމަށްފަހު، ސުޕްރީމް ކޯޓުުން ކުރި ހުކުމްގައި ވަނީ ގާނޫނުގައި ބުނެފައިވާގޮތަށް، ބަންދު ރިވިއު ނުކުރިޔަސް ގާނޫނުއަސާސީގައި ބުނާގޮތަށް ކޯޓުން ބަންދުކޮށްފައިވާ މީހެއްގެ ބަންދު ބާތިލު ނުވެ ދެމިއޮންނާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ބަންދުން ދޫކޮށްލުމަކީ ގާނޫނީ މަގުސަދެއް ނޫން ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރު ބާތިލު ނުކުރަނީސް، އޮޓަމެޓިކުން އެމީހުން ބަންދުން ދޫވާނެ ކަމަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ. އަދި އެގޮތަށް ބަންދުން ދޫވާނެކަމަށް ބަލައިފިނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރުގެ ބާރު ކެނޑިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަން ކުރުމުގައި އިހުމާލުވާ ފަރާތަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ. އެހެންކަމުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދުގެ އިބްރާހިމް، މި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ ތިން މީހުންގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
އެ ތިން މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި، މުޖުތަމައުގެ ސަލާމަތަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން މީހުންނެވެ.
ސުޕްރީމް ކޯޓް