ޚަބަރު

ކޮވިޑުގެ ކަންކަމަށް މިދިޔަ ހަފްތާގެ ތެރޭގައި 77 މިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް މިދިޔަ ހަފްތާގެ ތެރޭގައި 77 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަސް (24 ސެޕްޓެމްބަރު)އާ ހަމައަށް ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، ޑިސެމްބަރު 10 އިން ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ސިއްހީ ކަންކަމަށް ސަރުކާރުން ހަރަދުކޮށްފައިވަނީ 1.36 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް ޑިސެމްބަރު 17 އިން 24 ވަނަ ދުވަހާ ހަމައަށް އިތުރު 10.8 މިލިއަން ރުފިޔާ ހަރަދުކޮށް، ސިއްހީ ކަންކަމަށް ކުރި ހަރަދު ވަނީ 1.37 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު 0.8 ޕަސެންޓްގެ އިތުރުވުމެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 8.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އައިޖީއެމްއެޗުން 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފުލުހުން ވަނީ 6.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރި ހަރަދު ވަނީ 5.3 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އަދި ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުންނާއި ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދު ވަނީ ދެ ލައްކަ ރުފިޔާ މަދުވެފަ އެވެ.

ކޮވިޑާ ގުޅިގެން އިގުތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ދަށުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދޫކޮށްފައިވަނީ 1.46 ބިލިއަން ރުފިޔާ އެވެ.

އެއީ އޭގެ ކުރީ ހަފުތާއަށްވުރެ 66.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއީ އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް ދޫކުރި 38.9 މިލިއަން ރުފިޔާ އަކާއި ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ދޫކުރި 27.4 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.