ރިޕޯޓް

2020- ކޮވިޑުގެ ރަނގަޅު ފަޅި

އަލީ ޔާމިން

ބޮޑުބަލިމަޑުކަމެއްގެ އަހަރެކެވެ. ގައުމުތައް ބަންދުވެ، ދުނިޔޭގެ އިގްތިސޯދު އެފުށް މިފުށަށް ޖެހުނު "ތަދު" އަހަރެކެވެ. މާލީ ދަތިކަމާއި ހައިހޫނުކަން އިންތިހާއަށް ކުރިމަތިވި އަހަރެކެވެ. ތަކެތި ލިބުން ދަތިވެ، މުދަލުގެ އަގު އުފުލުނު އަހަރެކެވެ. ސިއްހީ ނިޒާމަށް "ބިޒީ" އަހަރެކެވެ. މިހުރިހާ ކަމެއް ކުރިމަތިވީ ހަމަ ކުއްލިއަކަށެވެ. ޗައިނާގެ މައި ދޮރާށިން ނުކުމެ ގައުމަކަށް ފަހު ގައުމަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ އެކުގައެވެ. ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް ހަގީގަތަކީ ލޮލަށް ނުވެސް ފެންނަ އެ ވައިރަހުގެ ނުރައްކާ އެއަށް ވުރެ ބޮޑުކަމެވެ. ގަދަފަދަ ޒުވާނުން އެބަލީގައި އެނދުމަތިވާން ޖެހުމަކީ އެކަމުގެ ހެއްކެކެވެ. ކޮވިޑަށް އެކަށީގެންވާ ފަރުވާއެއް ނެތްއިރު، އެބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަން ކަމުގައި ސިއްހީ މާހިރުން ދިޔައީ ކެނޑިނޭޅި ބުނަމުންނެވެ. ކޮވިޑުގެ ސަބަބުން އެހެން ގައުމުތަކޭ އެއްފަދައިން ދިވެހިރާއްޖޭގެ ކަންކަންވެސް ބޮއްސުންލައިގެން ދިޔައިރު، ކޮވިޑާއިއެކު އެތައް ފިލާވަޅެއް ވެސް މި ވަނީ ދަސްކޮށްދީފައެވެ. ދިރިއުޅުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފުހެވިފައިވާ ރިވެތި އާދަތައް ވަނީ އަލުން އިޔާދަވެފައެވެ. ރިވެތި އިތުރު އާ އާދަތައް ވަނީ ދަސްކޮށްދީފައެވެ.

ކޮވިޑާއެކު ފެނުނީ އެއްބައިވަންތަކަމުގެ ނަމޫނާއެއް!

ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ނަން މަޝްހޫރު ބައެކެވެ. މީސްކޮޅު މަދުނަމަވެސް ގައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި ދިވެހިން ދައްކައިދެމުން އަންނަނީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެގޮތުން 1980ގެ އަހަރުތަކުގައި ފެތުރުނު ކޮލެރާގެ ދުވަސްވަރުން ފެށިގެން ފަހުގެ ތާރީހެއްގައި ދިވެހިންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ކާރިސާކަމުގައިވާ 2004ގެ ސުނާމީ ކާރިސާގައިވެސް ދިވެހިންގެ ފަރާތުން ފެނިގެން ދިޔައީ އަހުވަންތަކަމުގެ މާތް ގުޅުމެވެ. އެއް ލެއެއްގެ މިސާލެވެ. އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިން މަންޒަރެވެ. ސުނާމީގެ ގެއްލުންތަކުން އަރައިގަނެ ދިވެހިންނަށް ނޭވާލެވުނީ ސިޔާސީ ގޮތުން ހަލަބޮލި ރާއްޖެއަކަށެވެ. ސިޔާސީ ޕާޓީތައް އުފަން ވެ، ސިޔާސީ އޮއެވަރާއެކު ދިވެހިންގެ އެއްބައިވަންތަކަން ހީނަރުވިއެވެ. ނަމަވެސް މުޅި ދުނިޔެ އެ ބައްޔަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކޮވިޑް 19އާ އެކު އަނެއްކާވެސް މިވަނީ ދިވެހިންގެ އެއްބައިވަންތަކަން ފެނިގެން ގޮސްފައެވެ. މުޅި ގައުމުގައި ތަޅު އެޅުވި މަގުތައް ފަޅުވި ދުވަސްތަކުގައި ދިވެހިން ދެއްކީ ނަމޫނާއެކެވެ. ލިބޭ މީހާ ނުލިބޭ މީހާއަށް އެހީވެ ދިނެވެ. ބޮޑެތި ވިޔަފާރިވެރިން އެމީހުންގެ ފިހާރަތައް ރައްޔިތުންގެ ހައްގުގައި ހުސްކޮށްލިއެވެ. ކޮވިޑްގެ ސަބަބުން މާލީ އަސަރުކޮށް، މަގުމަތިވެފައިވާ މީހުންނަށް ދީލަތި ބައެއް ދިވެހިންގެ އެހީ ލިބުނެވެ. ގެތަކުގެ ކުލިތައް ކުޑަކޮށްދިނެވެ. މިހެންގޮސް އެއްބައިވަންތަކަން ދައްކުވައިދޭ އެތައް ކަމެއް ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު ދިވެހިންގެ ފަރާތުން ފެނުނެވެ.

ސިއްހަތަށް އިތުރު ސަމާލުކަމެއް!

ކޮވިޑާއި އެކު ލިބުނު އެންމެ ބޮޑު ފައިދާއަކީ ސިއްހަތާ މެދު ކުރިން ސަމާލުކަން ނުދެވޭ ވަރަށް ސަމާލުކަން ދިނުމެވެ. ސައިބޯނިލައިގެން ނުތަނަ ސެނެޓައިޒާ ލައިގެން ގިނަގިނައިން އަތް ދޮވުމާއި މާސްކް އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ކޮވިޑުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އަޑު އިވޭ ވާހަކަތަކެކެވެ. ސިއްހީ މާހިރުން ކެނޑިނޭޅި އެކަމެއް ކުރަން ބާރު އަޅާ ކަންކަމެވެ. ކޮވިޑުގެ ސަބަބުން ސާފުތާހިރުކަމަށް ދެވުނު ބޮޑު އަހައްމިއްޔަތުކަމުގެ ނަތީޖާއަކަށްވީ މޫސުމީ ރޯގާތައް ޖެހޭ މީހުންގެ އަދަދު މަދުވުނެވެ. ޑެންގޫ އާއި ވައިރަލް ހުމާއި ބޭރަށް ހިންގުން ފަދަ ބަލިތައް ޖެހުނު މީހުންގެ އަދަދު މިއަހަރު ދަށް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑްގެ ތެރޭގައި ގިނަ ބަޔަކު ގެތަކުގައި ބަންދުވެފައި ތިބުމުން، ދުޅަހެޔޮ ކާނާ ކެއުމަށް ހާއްސަ އިސްކަމެއް ދެވިގެންދިޔައެވެ. ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމުން، ޝީޝާ އާއި ސިނގިރޭޓާއި އެނާޖީ ޑްރިންކް ފަދަ ސިއްހަތަށް ގެއްލުން ހުރި ތަކެތި ބޭނުންކުރާ މިންވަރުވެސް މަދުވެގެން ދިޔައެވެ.

އާއިލީ ގުޅުމަށް އިތުރު އާރޯކަމެއް

ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅޭ މާލޭގައި "އަތުފަތުނުޖެހި" ކޮވިޑް ފެތުރެން ފެށުމުން ހަރުކަށި ފުރަބަންދަކުން މުޅި މާލެއާއި ރާއްޖެ ބަންދުކުރިއެވެ. އެކަމުގެ ސަބަބުން އެތައް ހާސް ރައްޔިތަކަށް ގެތަކުގައި ތިބެން މަޖުބޫރުވިއެވެ. ޒަރޫރީ ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުކުތުމުގެ ހުއްދައެއް ނެތެވެ. ޒަރޫރީ ކަމެއްގައި ނޫނީ މާލެއިން އަތޮޅުތެރެއަށް ނުވަތަ އަތޮޅުތެރެއިން މާލެއަށް އާދެވޭނެ ގޮތެއް ނެތެވެ. ބޮޑު ގޭބަންދެއްގައި ގިނަ މަސްތަކެއް ހޭދަކުރަން ޖެހުނެއެވެ. ގޭބަންދުގެ ސަބަބުން ކުރިން ދެތަނުގައި ދިރިއުޅޭ އާއިލީ މީހުން އެއްތަން ކުރުވިއެވެ. ތިމާގެއެއްކަމަކު ކުރިން ނުވެސް އެނގޭ އެތައް ބަޔަކު ކޮވިޑާއި އެކު ތިމާގެ ބަޔަކަށް ވެއްޖެއެވެ. ނުވެސް ދަންނަ މީހުން ހާލު އަހުވާލު ބަލަން ވެސް ގުޅައެވެ. އާއިލާގެ މެންބަރުންގެ ތެރެއިން ވެސް ކުރީން ނުގުޅާ އެތައް ބަޔަކު ފޯނުކޮސް ހާލު ބަލަިއ އުޅެން ފެށި އެވެ. އެއް އިމާރާތެއްގައި، އެއް ކޮށްޓެއްގައި އުޅޭ މީހުންގެ މެދުގައި ވެސް އާއިލީ ގުޅުމެއް ގާއިމުވެ އެހީތެރިވެދިނުން އާންމުވި އެވެ. ކާބަފައިންގެ ރިވެތި އާދަތަކުގެ ތެރެއިން އައިސް، ފަހުން ގެއްލިފައި އޮތް އާދައެއް ކަމަށްވާ، އަވްށްޓެރީންނަށް އަޅައިލައި އެހީތެރިވެދިނުމުގެ ސަގާފަތްވެސް އަލުން އިއާދަވި އެވެ. އެއް ގެއެއްގައި ކައްކާ ކާބޯތަކެތި މަތީގައި ނުވަތަ ތިރީގައި ހުންނަ ފުލެޓުތަކަށް ނުވަތަ ބައިތަކަށް ފޯރުކޮށްދިނުންވެސް އާދަވި އެވެ. ކޮވިޑުގެ އެންމެ ހަރުކަށި ލޮކްޑައުން ދިމާވީ ރަމަޟާން މަހާ ކަމުން ރޯދަވީއްލުންތަކަށް އެކި ތަންތަނަށް ދިއުމުގެ ބަދަލުގައި ގޭތެރޭގައި އުޅޭ އެންމެން އެކުއެކީގައި ރޯދަވީއްލާނެ އެއްޗެތި ތައްޔާރުކުރިއެވެ. އެއްކޮށް ޖަމާއަތުގައި ނަމާދުކޮށް ތަރާވީޙްވެސް ގޭގައި ޖަމާއަތް ހަދައިގެން ކުރިއެވެ. މިއީ ކުރިން ދިވެހިންނަށް ފަރިތަ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް ކޮވިޑުގަ ހާލަތާއި އެކު ދިވެހިންނަށް މަޖުބޫރުކުރުވި އެހެން ނަމަވެސް ހެޔޮ، ރަނގަޅު އާދަ ތަކެކެވެ.

ކޮވިޑުގެ ނުރައްކާ ކިތަންމެ ބޮޑެއް ކަމަކު، ކޮވިޑުގެ ސަބަބުން ދަސްވި ރަނގަޅު ފިލާވަޅުތައް ގިނައެވެ. ކޮވިޑުގެ ސަބަބުން ދިރިއުޅުމުގެ އާދަކާދަތަކަށް އައި ބޮޑު ބަދަލުގެ ސަބަބުން ދިރިއުޅުމަށް އައި ހެޔޮ ބަދަލުތައްވެސް ގިނައެވެ. ފަރުދީ ޒިންމާ ނެގުމުގެ ރޫހު އާލާވުމާއި ހިދުމަތްތެރީންގެ އަގު ވަޒަންކުރުމާއި އެކަކު އަނެކަކަށް އިހްތިރާމުކުރުމާއި އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމަށް ކޮވިޑްގެ ސަބަބުން މިވަނީ އިތުރު ދިރުމެއް ލިބިފައެވެ. ކެތްތެރިކަން އިސްކުރުމާއި އިސްރާފު މަދުކުރުމާއި އާއިލާއަށް އަޅައި ލުމާއި ފަހަށް ރައްކާކުރުން ފަދަ ކަންކަމުގެ މުހިންމުކަން ވެސް ކޮވިޑު ވަނީ އަހަރެމެންނަށް ދަސްކޮށްދީފަ އެވެ.