ނިމިގެން މިދާ 2020 ވަނަ އަހަރަކީ އެކި ގޮތްގޮތުން ގިނަ ކަންތައްތަކެއް ފާހަގަކޮށްލަން ޖެހޭ އަހަރެކެވެ. އަހަރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ކޮވިޑް 19 ގެ ޕެންޑަމިކްގެ ސަބަބުން އަހަރުގެ ބޮޑުބައި ގާތްގަނޑަކަށްހެން ހުއްޓިފައި އޮތް އަހަރެއްގެ ގޮތުގައެވެ. ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އެކި މުއައްސަސާތަކުގެ މަސައްކަތްތައް، ވެސް ކޮވިޑް 19 ގެ ކަންތައްތަކައް އެކަނި ހާއްސަކޮށް، އެ ތަންތަނުގެ އަސްލު މަސައްކަތްތައް މުޅިންހެން އޮތީ ހުއްޓާލައިފައެވެ.
އެ ހާލަތު އެގޮތަށް މެދުވެރިވި ނަމަވެސް ވޭތުވެދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައްް ފާހަގަ ކޮށްލަން ޖެހެއެވެ. ކޮވިޑްގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވި ނަމަވެސް ނިމިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ، އެ މަޖިލީހުގެ ހަޔާތުގައި ވެސް މިހާތަނަށް ކޮށްފައި ނުވާހާ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޮވިޑްގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ވެސް މަޑުޖެހުމެއް އައެވެ. ނަމަވެސް، ވެބް ކޮންފަރެންސް ގާއިމްކޮށް ޖަލްސާތައްް ބާއްވަން ފެށިއެވެ. ޕެންޑަމިކް ތެރޭގައި ދިމާވި މަޖިލީހުގެ ޗުއްޓީ ދުވަސްކޮޅު ވެސް، ހަމަޖައްސާފައި އޮތީ މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި އެކަން ކުރެވޭގޮތަށެވެ.
ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރު ހިމެނިގެން ދިޔައީ މަޖިލީހުގެ ހަޔާތުގައި މިހާތަނަށް އެންމެގިނަ ޖަލްސާތައް ބޭއްވި އަހަރުގެ ގޮތުގައެވެ. އެގޮތުން މަޖިލީހުގެ 3 ދައުރުގެ މަސައްކަތްކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ތެރޭގައި 117 ޖަލްސާ މަޖިލީހުގައި ބޭއްވި އެވެ. އޭގެ ތެރެއިން 42 ޖަލްސާއަކީ ފުރަތަމަ ދައުރުގެ ޖަލްސާތަކެވެ. ދެވަނަ ދައުރުގައި 47 ޖަލްސާ ބާއްވާފައިވާރު، ފަހު ދައުރުގައި 28 ޖަލްސާއެއް ބާއްވާފައިވެއެވެ.
2020 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނު ތަކާއި މަޖިލީހުން ނިންމި ނިންމުންތަކަކީވެސް އެހާމެ މުހިއްމު ނިންމުންތަކެކެވެ. އެ ކަންތައްތަކަކީ ވެސް، އަދަދު ތަކުންނާއި މުހިއްމު ކަމުގެ ގޮތުން ރެކޯޑްގައި ހިމަނަން ޖެހޭ ކަންތައްތަކެކެވެ.
މިއަހަރު މަޖިލީހުގެ މަސައްކަތްތައް ނިންމައި، ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، މަޖިލިސް އަހަރީ ޗުއްޓީއަށް ގޮސްފައިވާއިރު، މުޅި އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން 49 ގާނޫނެއް ވަނީ ފާސްކޮށްފައެވެ. އެގޮތުން ފުރަތަމަ ދައުރުގައި 13 ގާނޫނެއް، ދެވަނަ ދައުރުގައި 21 ގާނޫނެއް އަދި ފަހު ދައުރުގައި 15 ގާނޫނެއް މަޖިލީހުން ފާސްކޮށްފައި ވެއެވެ.
މަޖިލީހުން މުހިއްމު ގާނޫނުތަކެއް 2020 ގައި ވުޖޫދަށް ގެނެސްފައިވާއިރު އޭގެ ތެރެއިން އެންމެ މުހިއްމު އެއް ގާނޫނަކީ، އިންތިގާލީ އިންސާފުގެ ގާނޫނެވެ. މި ގާނޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އެކަންތައްތަކަށް އިންސާފު ހޯދައިދިނުމަށް ފާސްކުރި ގާނޫނެކެވެ. މިގާނޫނު މަޖިލީހުން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހުގައެވެ.
2020 ވަނަ އަހަރު މަޖިލީހުން ފާސްކުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކީވެސް މުހިއްމު ބިލެކެވެ. އެ ބިލުގައި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ބޮޑެތި ބަދލަުތަކެއް ގެނައުމަށް ވަނީ ހިމަނައިފައެވެ. އެބިލުން ޕޮލިސް ސާވިސްގެ ނަން "ދިވެހި ފުލުހުންގެ ހިދުމަތް" ގެ ނަމަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ފުލުހުންގެ ހުވަޔަށް ބަދަލު ގެނެސް، ފުލުހުންގެ އިސް މަގާމުތަކުގެ ތެރެއިން ސުޕްރިިންޑެންޓުން ފެށިގެން ޑެޕިއުޓީ ކޮމިޝަނަރާ ހަމައަށް ހުރި މަގާމުތަކަށް، އަލުން މީހުން އައްޔަންކުރަން ޖެހޭގޮތަށް މި ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން އެ ބިލު ތަސްދީގު ކުރާ ހިސާބުން ފެށިގެން އެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުން އެ މަގާމުތަކުގައި ތިއްބެވުމަށް ލިބިވަޑައިގަންނަވަނީ ހަ މަސްދުވަހުގެ މުއްދަތެކެވެ. އެއަށްފަހު ގާނޫނު ބުނާގޮތުން ޕޮލިސް ބޯޑުން ބަލާ މިންގަނޑުތަކަކަށް ފެތޭ ފަރާތްތަކަށް ނޫނީ އެ މަގާމުތަކެއްގައި ނުތިބެވޭނެ އެވެ.
މި ބިލު މިދިޔަ އާތިއްދަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވައިފައެވެ.
މީގެ އިތުރުން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީވެސް މުވައްޒަފުންގެ ހައްގުތައް ބޮޑުތަނުން ހިމާޔަތް ކޮށްދިނުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ބިލެކެވެ. ހާއްސަކޮށް ފަތުރުވެރިކަުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބޮޑެތި ކަންތައްތަކެއް އެ ބިލުގައި ހިމަނައިގެން މަޖިލީހުން ފާސްކުރިއެވެ. އެގޮތުން މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމަށް ހުރަސް ނޭޅޭނެ ކަމަށާއި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް "ނައިޓަށް" ދެވޭނެ ގޮތް އެ ބިލުން ވަނީ ޔަގީންކޮށްދީފައެވެ. މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ސާވިސްޗާޖު ނުބަހާ ފަރާތްތައް 100،000 ރުފިޔާއިން ޖޫރިމަނާކުރަން ކަނޑައަޅައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަންވާނެ ކަމަށްވެސް އެ ބިލުގައި ހިމެނިއެވެ. އަދި ސްކޫލް އަހަރީ ޗުއްޓީ ދުވަސްކޮޅުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށްވެސް އާއިލާއާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު މި ބިލުން ކަށަވަރު ކޮށްދީފައި ވެއެވެ.
މީގެ އިތުރުން ތައުލީމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކައުންސިލް އިންތިހާބު ފަސް ކުރުމާއި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް މަޖިލީހުން ފާސްކުރި ބިލަކީވެސް ފާހަގަ ކޮށްލެވޭ ބިލު ތަކެކެވެ. އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި މުދާ ގަންނަ ފަރާތްތަކަށް ހައްގުތައް ލިބިދޭ ގޮތަށް މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުމުގެ ބިލު ބިލަކީވެސް މަޖިލީހުން އަލަށް ފާސްކުރި މުހިއްމު ބިލުތަކެކެވެ.
މަޖިލީހުން އެންމެ ފަހުން ފާސްކުރި ބިލު ތަކުގެ ތެރޭގައި ހިމެނޭ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ފާހަގަކޮށްލެވެއެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދުތައް ކެޓަގަރައިޒްކޮށް، ޓޫރިޒަމަށް ދޫކުރާ ރަށްރަށާއިި ބިންތަކުގެ ކުއްޔަށް ބަދަލު ގެނެސް، ރާއްޖޭގައި ސެކަންޑްހޯމް ޓޫރިޒަމް ތައާރަފު ކުރުމަށް ހިމަނާފައިވާ ބިލެކެވެ. އަދި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 އެމެރިކާ ޑޮލަރު ބެހެއްޓުން ނުވަތަ އެ އަދަދުގެ މިންވަރެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ލިބޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސް ފާސްކުރި ބިލަކީވެސް މުހިއްމުކަން ކުޑަ ބިލެއްނޫނެވެ.
މުހިއްމު ގާނޫނުތަކެއް ހެދުމުގެ އިތުރުން، މައްސަލަތައް ދިރާސާކޮށް މުހިއްމު ނިންމުންތަކެއްވެސް 2020 ގައި މަޖިލީހުން ނިންމާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލަން ޖެެހެނީ، މަޝްހޫރު ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލައެވެ.
މަޖިލީހުގެ ކަމާބެހޭ ކޮމިޓީތައް ހިމެނޭގޮތުން އެ މައްސަލަ ބަލައި މަޖިލީހުން ވަނީ މުހިއްމު ނިންމުންތަކެއް ނިންމައިފައެވެ. އޭގެ އިތުރުން މޯލްޑިވް ގޭސް ހިންގުމުގައި އިހުމާލު ވެ، ކޮރަޕްޝަން ހިންގާފައިވާ މައްސަލަ ދެމަސް ދުވަހުގެ ތެރޭގައި ބަލައި ނިންމައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންގުމާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގިކަމަށް ބުނާ އަށް މިލިޔަން ރުފިޔާގެ ތެލުގެ ވައްކަމުގެ މައްސަލައިގައި ވެސް މަޖިލީހުން ކުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ދޭދޭ ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ސަރުކާރަށް ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗާ ކުރުން ފެއްޓުމަށް ސަރުކާރަށް އެންގުމަށް ފާސްކުރުމުގެ އިތުރުން މިއަހަރަށް ލަފާކޮށް ދައުލަތުން ހުށަހެށި ބަޖެޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ފާސްކޮށްދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.
މަޖިލީހުގެ މެންބަރުން ހުށަހަޅާ މައްސަަލަ ތަކުގެ އިތުރުން އާއްމު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާ މައްސަލަ ތަކާ ގުޅިގެންވެސް ގިނަ ކަންތައްތަކެއް މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި އާއްމުންގެ ކަންބޮޑުވުންތައް ހިމަނައި މަޖިލީހަށް ހުށަހެޅި އެތައް ސިޓީއަކަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ވަނީ ޖަވާބުވެސް ދީފައެވެ.
2020 ވަނަ އަހަރު ސަރުކާރުން ވަނީ މަޖިލީހަށް 38 މައްސަލައެއް ހުށަހަޅާފައެވެ. ރިޔާސަތުން 32 މައްސަލައެއް ހުށަހަޅާފައިވާއިރު، ކުއްލި މައްސަލަތަކުގެ ގޮތުގައި 24 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި 27 ގަރާރެއް ވަނީ މަޖިލީހަށް ވަނީ ހުށަހަޅައި ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީގައި އޮތް ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހުން ވަނީ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ތިން ދައުރުގައި 62 ފަހަރު މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރުގައި 15 ފަހަރަށް ވަޒީރުން ހާޒިރު ކޮށްފައިވާއިރު، ދެވަނަ ދައުރުގައި 30 ފަހަރަށް އަދި ފަހު ދައުރުގައި 17 ފަހަރަށް ވަޒީރުން ހާޒިރުކޮށް ވަނީ ޖަވާބުދާރީ ކުރުވައިފައެވެ. ހަމަ އެއާއެކު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްްސަލަ ފެއިލް ކޮށްލައި މަޖިލީހުން ވަނީ ހޯމް މިނިސްޓަރަށް އިތުބާރު އޮތްކަމަށް ފާސްކޮށްދީފައެވެ.
އާއްމުކޮށް ހިނގާ އުސޫލުން މިއަހަރުވެސް ރައްޔިތުންގެ މަޖިލީހުން ވަނީ، މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ކުރިއަަށް ގެންގޮސްފައެވެ. އެގޮތުން އެ މުއައްސަސާތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް، ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ އިތުރުން އިތުބާރު ނުކުރެވޭ ފަރާތްތައް މުއައްސަސާތަކުން ވަކި ކުރުމާއި، މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ކުރި މަސައްކަތްތައްވެސް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކާއި ބޯޑުތަކާއި ކަންކަމުގައި ތުހުމަތު ކުރެވޭ އަމިއްލަ ފަރުދުންވެސް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް ވަނީ ޖަވާބުދާރީ ކުރުވައިފައެވެ.
އެހެންކަމުން 2020 ވަނަ އަހަރު މަޖިލީހުން ވަނީ ރެކޯޑްތަކެއް މުގުރާލައިފައެވެ. އެ މުއައްސަސާގެ މުހިއްމު ކަމާއެކު ބޮޑެތި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް