އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބިއްލޫރިފުޅީގައި ފެން ބަންދުކޮށްގެން ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޝާހު ވިދާޅުވީ އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ އަހަރު 500 އެމްއެލް އިން ދަށުގެ ޕްލާސްޓިކްގެ ބާވަތްތައް ބާޒާރުން އެއްކޮށް ނައްތައިލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން އެމްޑަބްލިޔުއެސްސީން ވެސް އެކަން ހުއްޓާލާނެ ކަމަށެވެ.

ޝާހު ވިދާޅުވީ ތާޒާ ފެނަކީ އެމްޑަބްލިޔުއެސްސީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ އައިބީއެމްގެ ބްރޭންޑެއް ކަމަށާއި އެގޮތުން ފަސް ލީޓަރުގެ ފެން ފުޅި ފިޔަވައި އެހެން ހުރިހާ ސައިޒެއްގެ ފެން ފުޅި އުފައްދަނީ އެމްޑަބްލިޔުއެސްސީން ކަމަށެވެ. ފަސް ލީޓަރު ފެންފުޅިއަކީ ހަމައެކަނި އައިބީއެމް އިން އުފައްދާ ފެން ފުޅި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތާޒާއަކީ އައިބީއެމްގެ ބްރޭންޑެއް. އައިބީއެމްއަށް ފެން އުފައްދައިދެނީ އެމްޑަބްލިޔުއެސްސީން. އެކަމަކު އެމްޑަބްލިޔުއެސްސީގެ އެބަހުރި މިހާރު ވިސްނުމެއް އަޅުގަނޑުމެން އެއަށް ބޭނުންވާ ފީސިބިލިޓީވެސް ހަދައިފީމު. އަދި އެއަށް ބޭނުންވާ ފައިނޭންސްވެސް ހަދައިފީމު. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ބިއްލޫރި ފުޅިތައް މާކެޓަށް ނުކުމެގެންދާނެ،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ތާޒާ ފެނުގެ ބަދަލުގައި ނެރޭ ބިއްލޫރި ފުޅީގެ ނަން "އާރްއޯ" ބްރޭންޑްގެ ނަން ދިނުމަށް ނިންމައި މިހާރު ރެޖިސްޓާ ކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ނެރޭނީ އެއް ލީޓަރުގެ ފުޅި ކަމަށްވެސް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެންމެ އުނދަގޫ މަަސައްކަތަކަށްވާނީ ފުޅިތައް ގެންގޮސް އަނބުރާ އެކުންފުންޏަށް ގެނައުން ކަމަށާއި ލޮޖިސްޓިކް ބެލެހެއްޓުން ވެގެންދާނީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށެވެ. ނަމަވެސް ފަށައިގަނެގެން ރައްޔިތުން އެކަމަށް ހޭނުމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ ޕްލާސްޓިކް ފުޅިން ބިއްލޫރި ފުޅިއަށް ބަދަލު ކުރުމަށް ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އެހެން ޕްރޮޖެކްޓްތަކުން އެފައިސާ ޖެނެރޭޓް ކުރެވޭނެ ގޮތްތައް ބަލައި އެކަންކަން ހަމަޖައްސާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގުކުރައްވައިފައެވެ.