ބޯޑަރު ހުޅުވުމާއެކު ފަތުރުވެރިންނާއެކު ފުރަތަމަ ފްލައިޓު ލަންކާއަށް ޖައްސައިފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސްރީލަންކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގެ ބޯޑަރު ބަންދު ކޮށްފައިވަނި މާޗް މަހުގެ ތެރޭގައެވެ.

ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ލަންކާ އަށް އެތެރެވެފައިވަނީ އިއްޔެއެވެ. ޔޫކްރެއިން އެއާލައިންސްގެ ސްކައި އަޕް އިން މައްޓަލައިގެ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ގޮސްފައިވަނީ 185 ފަތުރުވެރިންނެވެ.

ލަންކާގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވަނީ އިއްޔެ އެތެރެވި ފަތުރުވެރިން 10 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް އެގައުމުގައި ތިބޭނެކަމަށް ބުނެފައެވެ.

ލަންކާގެ އޮފިޝަލުން ވަނީ އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ލަންކާއަށް އެކި ގައުމުތަކުން 12 ފްލައިޓް އަންނާނެ ކަމަށް ބުނެފައެވެ.