ލ. ޔޫތު ޑިވެލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ސީ2އޭ އެކަޑެމީން ހޯދައިފިއެވެ.

އެޓީމުން ތަށި އުފުލައިލީ މިއަދު ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާވަށު އެސްސީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހީ ޕެނެލްޓީއެވެ. ޕެނެލްޓީ ސީ2އޭ އިން ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗު ބެލުމަށް ގިނަ ބަޔަކު ޖަމާވެފައި އޮތްއިރު، މެޗުގެ ހުރިހާ ވަގުތެއްގައިވެސް ސަޕޯޓަރުންގެ އަޑު ބާރުކަން ފާހަގަކޮށްލެވުނެވެ. މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައް ފެނުނީ މަދުންނެވެ. ފުރަތަމަ ހާފްގައި މާވަށުން އުފެއްދި ހަމަލާތަކުގެ މޭސްތިރިއަކަށް އަހުމަދު އަޒްލާން އަލީ ވެގެން ދިޔައިރު، ސީ2އޭގެ ގޯލްކީޕަރު މުހައްމަދު ޝައުން ނާފިއު ވަނީ މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

ޕޮސެޝަން ގޭމްއެއް ކުޅެމުން ދިޔަ ސީ2އޭއިން ދެވަނަ ހާފަށް ނުކުމެ ކުރިއަށް ޖެހިލިއެވެ. އެޓޭކްތައް އުފައްދަން މުހައްމަދު އާހިލް ނަޒީރާއި އަހުމަދު އަފްލާޒްގެ މަސައްކަތް ފާހަގަކޮށްލެވުނުއިރު، މެޗުގައި ސީ2އޭއިން ލީޑު ނެގީ އަހުމަދު އަލްތޯފް އަޒީމްގެ ގޯލުންނެވެ. އާހިލްގެ ޕާސް ފަސޭހަކަމާއެކު ގޯލަށް ވައްދާލައި ސީ2އޭއިން ތަށްޓާ ފިޔަވަޅެއް ކައިރިއަށް ޖެހިލި ނަމަވެސް، މާވަށުން ވަނީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

މުހައްމަދު ޝިޔާން ޖެހި ގޯލާއެކު މުޅި ދަނޑުގައި މާވަށު ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔައެވެ. މާވަށުން އުންމީދާއެކު ޕެނެލްޓީއަށް ގޮސް، އަޒުލާނާއި ޝިޔާންގެ ޕެނެލްޓީ ވެއްދިއިރު، އަނެއްކޮޅުން އާހިލްއާއި އަފްލާޒްގެ ޕެނެލްޓީވެސް ކާމިޔާބުކުރިއެވެ. މާވަށުން ތިންވަނަ ޕެނެލްޓީ ޖަހަން ދިޔަ އަލީ އަރީން ޖެހި ޕެނެލްޓީ މަތީ ދަނޑީގައި ޖެހި ބިންމަތީގައި ޖެހުނީ ރޮނގު ކައިރީގައެވެ. އިންޗިއެއްހާތަން ރޮނގު ބޭރުގައި ބޯޅަ ޖެހުނުއިރު، އެ ބޯޅަ އެތެރެއަށް ވަންކަމަށް ބުނެ މާވަށުގެ ބެންޗުން ވަނީ ވަރަށް ބޮޑަށް ޝަކުވާވެސް ކޮށްފައެވެ. ރެފްރީ ނިންމީ ބޯޅަ ޖެހުނީ ބޭރުގައި ކަމަށެވެ.

ފުރުސަތުގެ ބޭނުން ހިފައި ސީ2އޭއަށް ތިންވަނަ ޕެނެލްޓީ ކާމިޔާބުކޮށްދީ، ތަށި ޔަގީންކޮށްދިނީ އަލްތޯފްއެވެ.

މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާ އިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު އަދި މެޑަލް ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދީފައި ވަނީ ޕޮލިސް އެޓޯލް ކޮމާންޑަރު އިސްމާއީލް މުހައްމަދުގެ އިތުރުން ލ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހުސައިން ނައީސްއާއި ފޮނަދޫ ޕޮލިހުގެ އިންޗާޖު މުހައްމަދު ސަލީމެވެ.

މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމުގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަދި ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވިފައި ވަނީ ސީ2އޭގެ އަފުލާޒެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން:

މުހައްމަދު އާހިލް ނަޒީރު / ސީ2އޭ އެކަޑެމީ

އަހުމަދު އަޒުލާން އަލީ / މާވަށު އެސްސީ

އަހުމަދު އަފްލާޒް / ސީ2އޭ އެކަޑެމީ

ހުސައިން ސާއިލް (ގޯލްކީޕަރު) / ޑީކޭއެންޒީ

މުހައްމަދު ޝިޔާން / މާވަށު އެސްސީ

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ލީޑުން ނިންމާފައިވާ އިރު، އެ ހަރަކާތް ހިންގަމުން އައީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ. ލީޑްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް އަންނަ އަހަރަށް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު، އަންނަ އަހަރުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.