ނެޓް ޒީރޯ އެމިޝަނަށް ރާއްޖެއިން ވާސިލުވުމަށް ކުރާ ދަތުރުގެ ސަބަބުން ގައުމުގެ އިގުތިސޯދަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިމިވަނީ ނޭޝަނަލް ޑިޓާމައިން ކޮންބިނޭޝަން (އެންޑީސީ) އަށް 2030 ވަނަ އަހަރުގެ ނިޔަލަށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަން ކަނޑައަޅާފައިވާ ކަންކަން މިއަދު ހުށަހެޅުމާ ގުޅިގެންނެވެ.
އެންޑީސީއަކީ ޕެރިސް އެގްރީމެންޓްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކުން ކުރަން ނިންމާފައިވާ ކަންކަމާއި ޖަށްވަށް ދޫކުރާ ވިހާ ގޭސްތައް މަދުކުރުމަށް ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭ ރިޕޯޓެވެ.
ރައީސް ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގެ އެންމެ މުހިންމު ލަނޑުދަނޑި ކަމަށެވެ. އަދި ވިދާޅުވީ ނެޓްޒީރޯއަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބިދޭ ގެއްލުންތައް ކުޑަވެގެން ދިއުމުގެ އިތުރަށް ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެންޑީސީއަށް ރާއްޖެއިން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެނީ 2030 ވަނަ އަހަރުގެ ނިޔަލަށް އެމިޝަން 26 ޕަސެންޓް ދަށް ކުރުމަށެވެ. އެގޮތުން ސަސްޓެއިނަބަލް ޑެވެލޮޕްމެޓްގެ ތެރެއިން މާލީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަމާއެކު އެކަން ހާސިލުކުރުމަށެވެ. މީގެ އިތުރުން 2030 ގެ ނިޔަލަށް ނެޓް ޒީރޯ އަށް ވާސިލުވުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. އަދި ނެޓް ޒީރޯއަށް ވާސިލުވުމުގައި ބޭރުގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ނެޓް ޒީރޯއަށް ވާސިލުވުމަށް ޕްލޭނެއް އެކުލެވި، އަމަލުކުރެވޭނެ ކަމަށް އެންޑީސީއަށް ހުށަހެޅި ލިޔުމުގައިވެއެވެ.
އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އެންޑީސީއަށް ރިޕޯޓް ހުށަހެޅުމުން މިއަދު ފަހުރުވެރިވާ ކަމަށާއި މިއީ މިހާތަނަށް ހުށަހެޅުނު އެންމެ ފުރިހަމަ އެންޑީސީ ކަމަށެވެ.
ޕެރިސް އެކޯޑަކީ ނުވަތަ ޕެރިސް އެގްރީމެންޓަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ސޮއިކޮށްފައިވާ މުއާހަދާއެކެވެ. ޕެރިސް އެކޯޑްގައި 2015 ވަނަ އަހަރާ ހަމައަށް 200 ގައުމަކުން ސޮއިކޮށްފައިވެއެވެ. އެ މުއާހަދާގެ އަމާޒަކީ ދުނިޔެ ހޫނުވަމުންދާ މިންވަރުން ދެ ޑިގްރީ ނުވަތަ އެއަށްވުރެ ވެސް ބޮޑަށް މަދުކުރެވޭތޯ މަސައްކަތް ކުރުމެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކާބަން ޑައިއޮކްސައިޑާއި އެނޫން ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރަން މުއާހަދާގައި ބައިވެރިވި ގައުމުތަކުން ވަނީ އެއްބަސްވެފައެވެ. އެމެރިކާއަކީ ދުނިޔޭގެ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު