އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި އުއްމީދީ ވިސްނުން އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ފައިސަލް ނަސީމް މިހެން ގޮވާލައްވާފައިވަނީ ގއ. ވިލިނގިލީގައި "ދަގެނާ"ގެ ނަމުގައި ގާއިމު ކޮށްފައިވާ އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސާވިސަސް ސެންޓަރު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި އުންމީދީ ވިސްނުމެއް އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށާއި އެގޮތުން، މުޖުތަމައަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ، މުޅި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށެވެ. އެހެން ކަމުން މިފަދަ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ކާމިޔާބީއަށް ވާސިލުވެވޭނީ، އަދި ބޭނުންވާ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނީ، ކޮންމެ ކަމެއް ވެސް ހެޔޮ ނިޔަތާއެކުކޮށް އަދި އެކަމެއްގައި އިހުލާސްތެރިކަން އިސްކޮށްގެން ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި އެގޮތުން މިފަދަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ހާއްސަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަގްސަދެއްގައި ކަމުގައި ވިދާޅުވި އެވެ.
އިޖުތިމާއީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މި ކަމުން ވެސް ދޭހަކޮށްދޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މުޅި ސަރުކާރުން ވެސް މި މަސައްކަތާ ކުރިމަތިލައިގެން މަސައްކަތް ކުރަމުން އަންނަނީ ހެޔޮ ނިޔަތާއި އިހުލާސްތެރިކަން އިސްކޮށްގެން ކަމުގަ އެވެ.
މިއަދު "ދަގެނާ"ގެ ނަމުގައި ހުޅުއްވައިދެއްވި ހިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމައާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމައަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ. އަދި މިއީ، މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައި ނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީ އާ ހަމައަށް ވާސިލުވުމަށް ލިބުނު އިތުރު ފުރުސަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ދަގެނާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ ކާމިޔާބު ހިދުމަތަކަށް ހެދިއްޖެ ނަމަ، މިއީ މުޅި ރާއްޖެއަށްވެސް މަންފާ ލިބިގެންދާނެ ހިދުމަތެއް ކަމުގަ އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި މި ފަދަ ހިދުމަތްތައް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް. ކަމަކާ ކުރިމަތިލައި އެކަމެއް ހައްލުކުރުމަށް ވަކި ސިޔާސަތަކާއި ނިޒާމުތަކެއް ކަނޑައަޅައި މަސައްކަތް ފެށި ނަމަވެސް، އެ ނިޒާމުގެ ދަށުން ރަނގަޅު ނަތީޖާ ނުނެރެވޭ ނަމަ، އެ ނިޒާމު ބަދަލުކޮށް، މުޅިން އާ ވިސްނުމެއް ކުރިއަށް ނެރެގެން ނަމަވެސް، އެ މަސައްކަތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒެއް." އެ މަނިކުފާނު ވިދާޅުވި އެވެ.
މިއީ "ވަށައި ޖެހޭ" ފަދަ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށާއި އެގޮތުން، ފަރުވާގެ އިތުރުން، މި ޕްރޮގްރާމްގެ ބައިވެރިންނަށް މުޖުތަމައާ އަލުން ގުޅުމުގައި އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދެވޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދަގެނާ ހިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށް މުޅި މައްސަލައަށް ހައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތައުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
- ޑްރަގް ޑީޓޮކްސިފިކޭޝަން.
- ކައުންސެލިން.
- ސައިކޯސޯޝަލް ސަޕޯޓު.
- ޓްރޭނިން.
- އަފްޓާކެއާ.
- އައުޓްރީޗް.
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލް އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގުޅިގެން ހުވަދުއަތޮޅަށް އަމާޒުކޮށް ވިލިނގިލީގައި މި ފެށި ހިދުމަތަކީ، ވިލިނގިލީގައި ގާއިމުވެފައި ހުރި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކުލަބް ޖަމިއްޔާތަކާއި މުޅި މުޖުތަމައުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ހިދުމަތްދޭން ފެށި މި ފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމެވެ.
މި ފަރުވާގެ ނިޒާމު ބައްޓަން ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ފަރުވާ ނިންމާ މުޖުތަމައުއަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށްނުލައި، އޭނާއަށް އެހީތެރިވެދިނުމުގެ ގޮތުން މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ގާއިމުކުރެވޭ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ.
"ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ހުވަދުއަތޮޅުގެ އެކިދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ދެކުނުގެ އަތޮޅުތަކުގެ އެކި ކައުންސިލްތަކުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު