ދެކުނު އެފްރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

ދެކުނު އެފްރިކާގައި ކޮވިޑްގެ އާ ވޭރިއަންޓެއް ފެނި ކުރިން ފެތުރެމުން ދިޔަ ނިސްބަތަށްވުރެ ހަލުވި މިނެއްގައި ކޮވިޑް ފެތުރި އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ.

އެގައުމުގެ ހޮސްޕިޓަލު ތަކާއި މެޑިކަލް ސެންޓަރުތައް ތޮށްޖެހިފައިވާއިރު ހިދުމަތް ދެމުން އަންނަނީ ކެޕޭސިޓީއަށް ނުތަކާ ވަރަށްކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަޕޯސާ ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާ ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް 1،004،413 ކޮވިޑް ކޭސް ފެނިފައިވާއިރު ދެކުނު އެފްރިކާއިން 26،735 މީހުން ވަނީ ބަލިޖެހިގެން މަރުވެފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ފެނުނުފަހުން އެގައުމުން ވަނީ ޕޮޒިޓިވް ވާ މީހުންގެ ނިސްބަތް 39 އިންސައްތަ އިތުރުވެފައިކަމަށް އޮފިޝަލުން ހާމަކުރެއެވެ.