ބޮލީވުޑްގެ މަގުބޫލު ތަރި ޓައިގާ ޝްރޮފް އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޝާ ޕާޓްނީ ޗުއްޓީ ހޭދަކުރުމަށް އަނެއްކާވެސް ރާއްޖެ އައިސްފިއެވެ.
ދިޝާ އާއި ޓައިގާ ރާއްޖެ އައިކަން ހާމަކުރަން ދިޝާ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ވީޑިއޯތަކެއް ލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ މިދިޔަ އަހަރު ދ. އަތޮޅުގައި އަލަށް ހުޅުވި ބެގްލިއޯނީ ރިސޯޓުގައެވެ.
ދިޝާ އާއި ޓައިގާ އެކުގައި ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އެ ދެމީހުން އަނެއްކާވެސް ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވާ އިރު، މިދިޔަ މަހުވެސް އެ ދެމީހުން ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު ދެމީހުން ޗުއްޓީ ހޭދަކުރީ ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.
މި ދެ ތަރިން އެކުގައި 2018 ވަނަ އަހަރުވެސް ރާއްޖެ އައިސްފައިވެއެވެ. ނަމަވެސް އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދެ ތަރިން އަބަދުވެސް ދޮގު ކުރެއެވެ.
ޓައިގާގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އެކްޝަން ފިލްމު "ގަނަޕަތް"، "ހީރޯޕަންތީ" އަދި "ބާގީ" ވެސް ހިމެނެއެވެ.
ދިޝާ އަކީ މިހާރު ބޮލީވުޑްގައި މަގުބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި އެމްއެސް ދޯނީ، ބާގީ ދޭއް، ބާރަތު އަދި އޭނާ އެންމެ ފަހުން ކުޅުނު މަލަންގް ހިމެނެއެވެ. އަދި ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓް ކުރަމުންދާ ކޭޓީނާގެ އިތުރުން ބޮލީވުޑްގެ އެންމެ މަގުބޫލު އެއް އެކްޓަރު ސަލްމާން ހާންއާއެކު ލީޑް ރޯލުން ފެނިގެންދާ ރާދޭ ފިލްމު ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން