ޚަބަރު

މަޝްހޫރު ވިޔަފާރިވެރިޔާ، "ލަކުޑި ސޭޓު" އަވަހާރަވެއްޖެ

ރިފާ ހަލީލު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަކުޑި ވިޔަފާރި ކުރަމުން އަންނަ އިބްރާހިމް ހަސަން (ލަކުޑި ސޭޓު) ނިޔާވެއްޖެ އެވެ.

އުމުރުން 65 އަހަރުގެ އިބްރާހިމް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ. އަދި ޖޭޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަކީ މަޝްހޫރު ރާނބާ ރެސްޓޯރަންޓުގެ އެއް ހިއްސާދާރެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އިބްރާހިމްގެ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

އިބްރާހިމް ހަސަން އަވަހާރަވި އިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.