ހިތް ދަމައިގަންނަ ގޮތަށް ކެމްޕެއިން ކުރާ ކޮންމެ މީހަކީ ގާބިލު މީހެއް ނޫން ކަމަށާއި އެމްޑީޕީއަށް ކައުންސިލް އިންތިހާބު ދީފި ނަމަ މުޅި ގައުމު ފެއިލްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މާލޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯމިޝަނުން ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ޣައްސާން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ އިގުތިސާދު ހީނަރުވެ، ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ ޑޮލަރުގެ އަގު ބޮޑު މިވަނީ ކީއްވެތޯ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި މިހާރު ކޮވިޑް އޮތް ނަމަވެސް 2008 ވަނަ އަހަރު ވެސް ކަންތައްވީ ހަމަ އެފަދަ ގޮތަކަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ހިތްހަމަޖެހޭ ގޮތަށް މުހާތަބު ކުރުމާއި ހިތް ދަމައިގަންނަ ގޮތަށް ކެމްޕެއިންކޮށްލާ ކޮންމެ މީހަކީ ގާބިލު އަދި އިހުލާސްތެރިއެއް ނޫން ކަމަށެވެ. އަދި ރަށްވެހި ފަތިހުގެ ޝިއާރާއެކު ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ އެ އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ މުޅި ގައުމު ފެއިލް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މީހުން ހިތްހަމަޖެހޭ ގޮތަކަށް މުހާތަބުކޮށްލާފައި ހިތްދަމައިގަންނަ ގޮތަކަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކޮށްލާ ކޮންމެ މީހަކީ ކަމަށް ގާބިލު މީހަކަށް ނުވެދާނެކަން ރައްޔިތުންނަށް ފަހުމްވާނެއޭ. އަދި އިހުލާސްތެރިއަކަށް ނުވެދާނެކަން ފަހުމްވާނެއޭ. މޮޅެތި ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުވެރި ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފައި މިއޮތްގޮތަށް ރަށްވެހިފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް،" ޣައްސާން ވިދާޅުވިއެވެ.
މިގައުމުގެ މިސްރާބު މި މަގުންދާނަމަ ގައުމުގެ އިގުތިސޯދު ފުނޑުފުނޑުވާނެ ކަމަށާއި އިސްލާމްދީނަށް ގޮތްޖެހުންތައް ކުރިމަތި ކުރުވާނެ ކަމަށެވެ. އިޖުތިމާއީ ފޭރާމް ވީދިގޮސް ވީރާނާވެ، މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ގައި އެކުލަވައިލި މެނިފެސްޓޯގައި ހުރި ބޮޑެތި މަޝްރޫއުތައް ފަސް އަހަރުތެރޭގައި ފުއްދާފައިވާ ކަމަށާއި މިއަދު ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން މާލެ-ހުޅުލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ހިޔާ މަޝްރޫއަކީ އެކަމުގެ ހެކިތައް ކަމަށް ވެސް ވިދާޅުވިއެވެ.
"އެމަނިކުފާނަށް (ރައީސް ޔާމީނަށް) މިކަންކަން ހާސިލުކުރެވުނީ ކިހިނެއްވެގެންތޯ. މިއީ ދިވެހި ރައްޔިތުންގެ ނަފްސަށް ކުރަންޖެހޭ ސުވާލެއް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު މެނިފެސްޓޯ ހަދައިގެން ވެރިކަމަށް އައިސް ދައުރު ދެބައިވީ އިރުވެސް، ތިލަ-މާލެ ބްރިޖުގެ މަސައްކަތް ނުފެށި ލަސް ވަނީ ކީއްވެތޯ އެއީ ވިސްނާލަން ޖެހޭ ކަންކަން ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނުނިމި، ޕޮއިންޓް ދިނުމަށްފަހު އެ ފްލެޓުތައް ނުދީ ލަސްވަނީ ކީއްވެތޯވެސް ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު