ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ދެޓީމުވެސް އޮތީ ލީގުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ. މާޒިޔާއާއި ވެލެންސިއާ އަތުން ދެޓީމުވެސް ބަލިވެފައި އޮތް ނަމަވެސް، ޕްރި މެޗު ޕްރެސްގައި ދެޓީމުގެ ކޯޗުންވެސް ބުނެފައި ވަނީ އަދި ޕްރެޝަރު ނުވާ ކަމަށެވެ.
މެޗުގެ ކުރީކޮޅުގައި ގްރީންއިން ގޯލަށް ނުރައްކާ ކުރިއެވެ. މެދު ތެރެއިން ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ބިދޭސީ މިޑްފީލްޑަރު ޚަލީލް ގަމަލް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅެނިކޮށް އޭނާގެ ފައިން ގެއްލިގެން ދިޔަ ބޯޅަ، އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ނަމަވެސް، ޔޫވީގެ ގޯލްކީޕަރު އަމިރޯފް ރުސްލާން ވަނީ އެ ހަމަލާ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގައި އޮން ޓާގެޓް އިތުރު ޝޮޓްތަކެއް ފެނިފައިނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ގޯލަށް އަމާޒުކޮށް މާގިނަ ހަމަލާ އުފެއްދި ތަނެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް 51 ވަނަ މިނެޓުގައި ގްރީންއިން ލިބުނު ޕެނެލްޓީގައި ލީޑު ނެގިއެވެ. ޚަލީލް ހޯދައިދިން ޕެނަލްޓީ އެންހެލް މުނޯޒް ގޯލަށް ވައްދާލައި ގްރީނަށް ލީޑު ނަގައިދިނެވެ.
ގްރީންގެ ގޯލަށްފަހު ޔުވީން އެއްވަރުކުރަން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 75 ވަނަ މިނެޓުގައި މިޑްފީލްޑަރު އަނަޓޮލީ ފޮނުވާލި ހިލޭ ޖެހުމެއް ހުރަސް ދަނޑިއަށް އަމާޒުވެފައިވާ އިރު، ޔޫވީން އެއްވަރުކުރީ އިތުރު ވަގުތުގެ ތެރޭ އަލީ ހައިޝަމް (ޗުމްޕު) އޭރިއާ ތެރެއިން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައިންނެވެ.
މެޗު ނިމިނިމި އޮއްވައި ގްރީންއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. ހަސަން ފުވާދު އޭރިއާ ތެރެއިން ހުހަށް ހުރެ ޖެހި ބޯޅަ ކީޕަރު މަތަކުރި އިރު، އެ ބޯޅަ އަންސަރު އިބްރާހިމް (އަންކޮ) އަށް ލިބި ފޮނުވާލުމުން އަމާޒުވީ ދަނޑިއަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު