ހއ. ފިއްލަދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތިގައި މަރުވެފައިވަނީ އުމުރުން 31 އަހަރުގެ މުހައްމަދު ހަލީމް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ފިއްލަދޫ ކައުންސިލުގެ ރައީސް މުހައްމަދު ފަލާހް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހަލީމް މަރުވެފައިވަނީ އެރަށު ފުޓުބޯޅަ ދަނޑުގައި ކުޅެން ހުއްޓައި އިއްޔެ ހަވީރު 5:30 ހާއިރު ކަމަށެވެ.
ފަލާހް ވިދާޅުވީ، ހަލީމް ކުޅެން ހުއްޓައި ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން އެވާހަކަ ކައިރީގައި ތިބި މީހުން ގާތު ބުނި ކަމަށާއި އަދި މަޑުމަޑުން ތިރިވަމުން ގޮސް އެއްކޮށް ދަނޑުމައްޗަށް ތިރިވި ކަމަށެވެ. އަދި އެވަގުތު އޭނާއާއެކު ކުޅެން ތިބި މީހުން ސީޕީއާރު ދިން ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނު އިރު މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވިދާޅުވި އެވެ.
ފިއްލަދޫގައި ރޭ ހަލީމްގެ ޖަނާޒާ ބާއްވާފައިވާ އިރު، އޭނާ މަރުވިއިރު އަންބަކާއި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ. މާލޭގައި ދިރިއުޅޭ ހަލީމް، ރަށަށް ދިޔައީ އޭނާގެ ބައްޕަ ބަލިވެގެން ކަން އެނގިފައިވެ އެވެ. އަދި އޭނާ ރަށަށް ދިޔަތާ އަދި މަސްދުވަސް ނުވާނެ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު