އެ ބިރުވެރި ސުނާމީ ކާރިސާއަށް މިއަދަށް 16 އަހަރު ވީ އެވެ. އެ ހިތްދަތިކަން އަދިވެސް ފިލައިގެން ނުދެ އެވެ. ރާއްޖޭން ގެއްލުނު މީހުންނާއި މަރުވި މީހުންގެ ޖުމުލަ އަދަދު 108 އަށް އަރައެވެ. މިއަދު ސޯޝަލް މީޑިއާ ބަލައިލުމުން އަދިވެސް ގިނަ ބައެއްގެ ހިތްތަކުން އެ ބިރުވެރިކަން ފިލައިނުދާކަން އެނގެ އެވެ. އެންމެން ވެސް ޖަވާބު ދެނީ އެއް ސުވާލަކަށެވެ. އެއީ ސުނާމީ އެރިއިރު ހުރީ ކޮންތާކު؟ މި ސުވާލެވެ.

"ސުނާމީ އެރި ވަގުތު ހުރެވުނީ މޫދުގައި. ފައި ޖައްސައިގެން ހުރި ބިންގަނޑު ކެހިގެން ދިޔަގޮތް އަދިވެސް ހަނދާން އެބަހުރި. މުޅި ފަޅުތެރެ ފުންވެ މޫދުގައި ތިބި މީހުންނަށް އެއްގަމަށް އެރުނީ ހަމަކިރިޔާ. ބިރުވެރި ދުވަހެއް." އުރީދޫގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، މުހައްމަދު އަކްޝަން ފޭސްބުކްގައި ލިޔެފައިވެ އެވެ.

ސުނާމީ އަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ އެވެ. އެފަދަ ކާރިސާއެއްގެ ތަޖުރިބާ އެހައިތަނަށް ދިވެހިން ކޮށްފައެއް ވެސް ނުވެ އެވެ. ސުނާމީގެ އަސަރު ރާއްޖޭގެ މީހުން ދިރިއުޅޭ ނުވަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ކުރި އެވެ. އެތައް ބައެއްގެ މުދަލާއި ފުރާނަ ގެއްލިގެންދިޔަ އެވެ. ސުނާމީގައި 12،000 މީހުންގެ ގެދޮރު ގެއްލި 8،500 މީހުން ވަގުތީ ހިޔާތަކުގައި އުޅެން ޖެހުނެވެ. ނަފްސާނީ ގޮތުން ވެސް އެތައް އަސަރެއް މީހުންނަށް ކުރި އެވެ. މިއަދާ ހަމަޔަށްވެސް ހަނދާންތައް އަންނަނީ އާ ކުރަމުންނެވެ.

"ދަތުރުވަރިއެއްގައި ހުޅުމާލެއަށް އައިސް ހުރި ތިމާގެ ކުއްޖެއް ބެލްކަނީގައި ހުރެފައި ހޭރިގަތް އަޑަށް އެންމެން ނިކުމެ ބޭރު ބަލައިލި އިރު ފެނުނީ ބޮޑު ރާޅެއް ރަށުގެތެރެއަށް އަރައިގެން އަންނަ ތަން. އަޅުގަނޑުމެން އުޅުނު 4 ވަނަ ފްލެޓްގެ ކައިރިން ވަށައިގެން ރާނާފަ ހުރި ފާރުވެސް ފުނޑުފުނޑުވެގެން އާދޭ. މަގުމަތީގަ ބަހައްޓާފަ ހުރި ކަޅު ހަންތަކެއްވެސް އޮޔާ އާދޭ. މީހުންތައް ފެންގަނޑުތެރެއިން އެމީހަކަށް ދެވުނު ގޮތަކަށް ގޮސް މިސްކިތަށް ޖަމާވަމުން ދިޔަ. މިސްކިތަށް ލޮނުގަނޑު ވަންނާތީ އަޅުގަނޑުމެން މިސްކިތުގައި ތިބެފަ ދެން ދިޔައީ ފެރީ ޓާމިނަލަށް. އެޗްޑީސީން އަންގާ އިރުޝާދުތަކަށް ތަބާވަމުން. މީހުންގަނޑު ރޮވިފަ ތިބިތަން ފެނުނު." ނޫސްވެރިޔާ މަރިޔަމް ޝަނީޒާ އޭނާގެ ފޭސްބުކްގައި އެ ދުވަހުގެ ވާހަކަ ލިޔެފައިވެ އެވެ.

ސުނާމީ ކާރިސާއަކީ އިންޑޮނޭޝިއާގެ ސްމަޓްރާގެ ކަނޑު އަޑިއަށް އައި ރެކްޓަރމިންގަނޑުން 9.1 އާއި 9.3 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަރާޅެކެވެ. އިންޑޮނޭޝިއާއާ ދުރުގައި އޮތް މި ރާއްޖެއަށް ވެސް މި ބިންހެލުން އިހްސާސްކުރެވުނެވެ. ބިންހެލުން އައީ ރާއްޖޭގެ ގަޑިން އެ ދުވަހުގެ ފަތިހު 5:58 ހާއިރު އެވެ. ސުނާމީގެ އަސަރު ރާއްޖެއަށް ކުރީ އެ ދުވަހުގެ 9:20 ހާއިރު އެވެ.

މިހައިތަނަށް ދިވެހިން ތަޖުރިބާ ކޮށްފައި ނުވާ ފަދަ އެ ހިތްދަތި ކަންކަން ތަޖުރިބާ ކުރަން ޖެހުނު ދުވަސް ދިވެހީން ފާހަގަ ކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. އެ ބޮޑު ކާރިސާއިން ދިވެހިންގެ އިގުތިސޯދަށާއި އާއްމު ދިރިއުޅުމަށް އެތައް ނޭދެވޭ އަސަރެއް ކުރި އެވެ. އެހުރިހާ ކަމަކުން އަރައިގަނެވުނީ ދިވެހީން ދެއްކި އެއްބައިވަންތަ ކަމުގެ ނަމޫނާގެ ސަބަބުންނެވެ.

"ވަރަށް ހިތްދަތި ވި ދުވަހެއް. ގިނަ ފިލާވަޅުތަކެއް ދަސްވި ދުވަހެއް. ދިވެހިންގެ ހުރި އަހުވަންތަކަމާއި އެއްބައިވަންތަކަން ފެނުނު. މިއަދުވެސް އެހިތްދަތި ހަނދާންތައް އާދޭ. ދެ ލޮލުން ކަރުނަ ފާއްދާލާ،" ޝަނީޒާ އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ލިޔެފައިވެ އެވެ.

ދިވެހީންނަކީ އަބަދުވެސް އެކަކު އަނެކަކަށް އަޅައިލާ، އޯގާތެރި އަދި ހިތްހެޔޮ ބައެކެވެ. ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް މި ރާއްޖެ ގެނެސްދީފައިވަނީ ވެސް އެ ރިވެތި އާދަތަކާ އެކުގައެވެ. މިއަދާ ހަމަޔަށްވެސް އަޅުގަނޑުމެން މި އަންނަނީ އެ އާދަތައް ދަމަހައްޓަމުންނެވެ. ގައުމަށް ދިމާވާ މިފަދަ ބޮޑު ކޮންމެ ކަމަކުން މިހާރުވެސް ދިވެހީން އެމީހުންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކަ އެވެ. މުޅި ގައުމަށް ކުރިމަތިވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި ވެސް ގައުމީ ފެންވަރުގައި އަރައިގަނެވުމާއި ކާމިޔާބު ހޯދައި އަމާންކަން ހޯދުން އަވަސްވުން އޮތީވެސް ދިވެހީންގެ މި އެކުވެރިކަމާއި އެއްބައެއްވަންތަކަމާ އިންތިހާއަށް ބޮޑަށް ގުޅިފަ އެވެ.