ގްރީން ކްލައިމެޓް ފަންޑްގެ ކަންޓްރީ ކޯޑިނޭޝަން ގްރޫޕްގައި ތަމްސީލުކުރާނެ ކްލައިމެޓް ދާއިރާގެ ފަންނީ ތަޖުރިބާކާރެއް ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްތްރީން ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ހިންގޭ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް އެހީދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ ރާއްޖޭގެ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެންޑީއޭ)ގެ ހައިސިއްޔަތުން އަމަލުކުރާނެ އުސޫލު، އެކުލަވާލައި އެއަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

މި އުސޫލުގައިވާ ގޮތުގެ މަތިން، އެންޑީއޭ އަށް ލަފާއެރުވުމަށް ކަންޓްރީ ކޯޑިނޭޝަން ގްރޫޕެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ އިރު، މި ގްރޫޕުގައި ކަމާ ގުޅުންހުރި ތަފާތު ދާއިރާތަކުން މަންދޫބުން ތިއްބަވާނެ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިއުލާނުގައި ބުނެފައިވަނީ ކަންޓްރީ ކޮޑިނޭޝަން ގުރޫޕުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް ހިމަނަން ބޭނުންވާ ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެކަން ސިޓީއަކުން އެ މިނިސްޓްރީއަށް އެނގުމަށް އެދޭ ކަމަށެވެ. ނަމަވެސް މި ފަންނީ ތަޖުރިބާކާރަށް އެއްވެސް އުޖޫރައެއް ނުލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.