މަސްވެރިންގެ ބައިވެރިވުން އޮންނާނެ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރާނެ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯއަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ 0.01 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ، އަމާޒަކީ މިފްކޯ ތަރައްގީކޮށް އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނާއި ސައުދީ ފަންޑުގެ އެހީގައި މިފްކޯއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރު ނިމޭއިރު މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޒުވާން މަސްވެރިން ބޭނުންވާ ފަދަ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.
ފައުޒީ ވިދާޅުވީ، މިފްކޯއިން މިހާރު އެންމެ ހާއްސަ އިސްކަމެއްދެނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށާއި އެއަށްފަހު އެ ކުންފުންޏަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
"މިފްކޯއަކީ ޕަބްލިކް ކުންފުންޏަކަށް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މަސްވެރިންގެ ބައިވެރިވުން އޮންނާނެ ގޮތައް އާންމުންގެ ހިއްސާވެސް އޮންނަ ގޮތަށް މިކުންފުނި ތަރައްގީކުރެވޭނެ. މިފްކޯއާ އެކުގައި އޭރުގައި އުފެދުނު ކުންފުނިތައް މިހާރު ޕަބްލިކް ކުންފުނިތަކަށް ބަދަލުވެއްޖެ،" ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފައުޒީ ވިދާޅުވީ، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް މިފްކޯ ބަދަލުވާއިރު ކުންފުނީގެ އޮނިގަނޑަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
ފައުޒީ ވިދާޅުވީ، މަސްވެރިންގެ ގޮންޖެހުންތައް މި ސަރުކާރުން ހައްލުކޮށްދޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރު ކުރި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ބޭނުންވާ ފައިނޭންސް ހޯދުން ކަމަށާއި ދެން އޮތީ އަމަލީ މަސައްކަތްތައް ފެށުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު