ފްރާންސްގެ އެއް ނަންބަރު ކްލަބު ޕީއެސްޖީގެ ކޯޗުކަމުގެ މަގާމަށް މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސަން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

ކުރިން ޓޮޓެންހަމްގެ ކޯޗުކަމުގައި ހުރި ޕޮޗެޓީނޯއާއި ޕީއެސްޖީއާ ދެމެދު ވާހަކަތައް ފަށާފައިވަނީ މީގެ ދެ ހަފުތާ ދުވަސް ކުރިންނެވެ. ހަބަރުތައް ބުނެފައިވަނީ ޕޮޗެޓީނޯއާއި ޕީއެސްޖީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި މީގެ ކުރިން ޕީއެސްޖީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޝެލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޓުޝެލް މަގާމުން ވަކިކުރިކަން ބީބީސީން ވެސް ޔަގީން ކޮށްދީފައިވާ އިރު، އޭނާ މަގާމުން ވަކި ކުރީ މިސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ނުކުތް ދަށް ނަތީޖާތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް މިސީޒަންގެ މިހާތަނަށް ޕީއެސްޖީއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ޓުޝެލް މަގާމުން ވަކިކުރިކަން ޕީއެސްޖީން އަދި އިއުލާން ކޮށްފައިނުވާ އިރު، 2018 ވަނަ އަހަރު ޕީއެސްޖީއާ ހަވާލުވި ފަހުން އޭނާ ވަނީ ދެފަހަރަށް ލީގު ނަގައި، ފްރެންޗް ކަޕާއި ލީގު ކަޕްވެސް ނަގައިފައެވެ. ކުރިން ޑޯޓުމަންޑަށް ކޯޗުކަން ކޮށްދިން ޓުޝެލް ޕީއެސްޖީއާއެކު ވެފައިވާ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.

ޕޮޗެޓީނޯ ވަނީ 2019 ވަނަ އަހަރު ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގޮސްފައެވެ. ލިވަޕޫލް އަތުން އެ ފައިނަލުގައި ބަލިވި ނަމަވެސް، ޓޮޓެންހަމްއާއެކު ޕޮޗެޓީނޯ ދެއްކި ތަފާތާއެކު އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފު އަމާޒުވެފައެވެ. 2019 ވަނަ އަހަރު ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލި ފަހުން ޕޮޗެޓީނޯ ހުރީ ޗުއްޓީއެއްގައެވެ.

އާޖެންޓީނާގެ ކޯޗު ޕޮޗެޓީނޯއަކީ ކުޅުންތެރިއެއްގެ ގޮތުގައި ޕީއެސްޖީއަށް ކުޅެފައެވެ. 2001 އިން 2003 ވަނަ އަހަރާ ހަމައަށް ޕޮޗެޓީނޯ ޕީއެސްޖީއަށް ކުޅެފައިވާ އިރު، ޕޮޗެޓީނޯގެ އުމުރުން މިހާރު 48 އަހަރެވެ.