ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅެމުން އަންނަ 17 ކުއްޖަކު އޭދަފުށީގައި ގާއިމްކޮށްފައިހުރި "އަމާން ވެށި" އަށް ބަދަލުކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުދިން އޭދަފުއްޓަށް ބަދަލުކުރީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން އެކުދިން ބޮޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންގައި އެ ކުދިން ގޮވައިގެން އޭދަފުއްޓަށް ވަޑައިގަތީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަ ކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައި ވިޔަސް، ހާލަތު ނިޔާކުރާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން އެންމެ އިސްކަމެއް ދެނީ މާލެ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއް ފަދައިން އެކުދިން ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ބުންޏެވެ.

އެގޮތުން އޭދަފުށި އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްގީކޮށްފައިވާ އެފަދަ ފުރަތަމަ ތަނެވެ.

ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެހެންކަމުން އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން ދިރިއުޅެން ޖެހޭނީ ވަކިންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އޭދަފުށީގައި އެ ކުދިން ދިރިއުޅޭނީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނާއެކު ކަމަށެވެ.