ދުނިޔޭގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މަގްސަދުގައި ކުދިބޮޑު އެންމެހައި ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާކަމަށްވާ އދ އަށް 75 އަހަރު ފުރެނީއެވެ. ދުވަހަކީ މިހަފުތާގެ ބުރާސްފަތި ދުވަހެވެ. އދ ގެ އާއްމު މަޖިލީހުގެ ގަރާރަކުން 1971 ވަނަ އަހަރު އެ ޖަމާއަތުގެ މެންބަރު ކޮންމެ ގައުމަކަށް އިލްތިމާސްކޮށްފައިވަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު ސައުވީސްވަނަ ދުވަސް ބަންދުދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެއަކީވެސް 1965 ވަނަ އަހަރުން ފެށިގެން އދ ގެ މެންބަރު ގައުމެކެވެ.
އދ އަށް 75 އަހަރު ފުރޭ ދުވަސް މިއައީ ފަހުގެ ތާރީޚުގައި ދުނިޔެ ބަނަނުވާހައި ބޮޑަށް ބަނަވެފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ މައްސަލަތަކާއި އިގްތިސާދީ މައްސަލަތަކާއި އިޖުތިމާއީ މައްސަލަތަކުގެ އަލިފާނުގެ ތެރޭގައި ވަރަށް ގިނަ ގައުމުތައް އަނދައި އަޅިޔަށްވަމުންދާ ދުވަސްވަރެއްގައެވެ. ނަފްރަތާއި ހަސަދައިގެ އިންފާރުތައް ރާނައި އުސްކުރުމުގެ ސަގާފަތް އާއްމުވެފައިވާ ނުރައްކާތެރި ދަނޑިވަޅެއްގައެވެ. ހަމައެޔާއެކު ބަލިމަޑުކަމުގެ ގެއްލުންބޮޑު ވަބާއެއް މުޅިދުނިޔޭގައި ފެތުރި އެންމެހައި ގައުމުތައް އިނދަޖެހިފައިވާ ވަގުތެއްގައެވެ.
އދ އަކީ ދިވެހިބަހުން އެކުވެރި ދައުލަތް މިނަމުގެ ކުރުގޮތެވެ. އދ ގެ އެންމެ މުހިއްމު ތިން ތިނބަކީ ދުނިޔޭގެ ސުލްހަޔާއި ސަލާމަތެވެ. ގައުމުތަކުގެ ތަރައްގީއާއު ކުރިއެރުމެވެ. އެންމެހައި އަފްރާދުންގެ ހައްގުތަކާއި އިންސާނީ ކަރާމާތް ކަށަވަރު ކުރުމެވެ. މި މަސައްކަތުގައި ބައިވެރިވެ އަދަށްވުރެ ފެހި މާދަމައެއް ޔަގީންކުރުމުގެ ނިޔަތުގައި މިހާތަނަށް 194 ގައުމަކުން އދ ގެ ޗާޓަރުގައި ސޮއިކޮށް މި ޖަމިއްޔާގައި ބައިވެރިވެފައިވެއެވެ. އެހެންނަމަވެސް ބަދަލުވެ ބަވަނަވެފައިވާ ދުނިޔެއެއްގައި އދ އަށް ނުހަނު ގިނަގުނަ ގޮންޖެހުންތަކެއް މިއަދު ވަނީ ކުރިމަތިވެފައެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނދަމުންދާ އެކިކަހަލަ އަލިފާނުގެ ބާވަތަށް ރިއާޔަތްކުރާއިރު އެންމެން އެއްގަލަކަށް އަރައިގެން އެއްވާނެއްގައި މަސައްކަތްކުރުމުގެ މުހިއްމުކަން ނުހަނު ބޮޑެވެ. އެހެންނަމަވެސް އުފެދޭ ސުވާލުތަކެއްވެސް އެބަހުއްޓެވެ. މީގެ 75 އަހަރުކުރިން އުފެދުނު އދ އިސްލާހުކުރަން ނުޖެހޭ ބާވައެވެ. މިއަދުގެ ހަގީގަތްތަކާ ކުރިމަތިލައިގެން ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ކެރިކުޅަދާނަކަން އދ އަށް ލިބިގެންވޭބާވައެވެ. ލިބިގެންނުވާނަމަ އދ އަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިބާވައެވެ.
އދ ގެ ޒަމާންވީ ޝިއާރު މިޒަމާނަށްވެސް ފެތެއެވެ. ގިލަންވެރިކަމުން އަރައިގަތުމަށް ފަސޭހައީ އެންމެން ގުޅިގެންނެވެ. މިއީ އދ ގެ ޝިއާރެވެ. އެކަމަކު އދ ގެ ދިދައިގެ ފަހަތަށް މިހާރު އެއްވާ ބަޔަކު ނެތެވެ. އދ އެކަންޏެއް ނޫނެވެ. ކުރީޒަމާނުގައި ވުޖޫދުކުރެވުނު ވަރަށް ގިނަ ސަރަހައްދީ ޖަމާއަތްތަކަށްވެސް މިބަލިވަނީ ޖެހިފަައެވެ. ބޭނުން ކެނޑުނީއެއް ނޫނެވެ. އެކަމަކު މުސްކުޅިވެ ގައިގެބާރު ކެނޑުނީއެވެ. ނޭޓޯއަކީވެސް މިސާލެކެވެ. ސާކަކީވެސް މިސާލެކެވެ. އަރަބި ލީގާއި އޯއައިސީއަކީވެސް މިސާލެކެވެ.
މީގެ 75 އަހަރު ކުރިން އދ އުފެދުނީ ބޮޑުވެގެންވާ ހަގުރާމައެއް ނިމި ދުނިޔެ އަލުންބަލުން އާރާސްތުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. ދެވަނަ ބޮޑު ހަގުރާމަ ނިމުމަށްފަހު އައު ނިޒާމަކުން ދުނިޔެ ހިންގުމުގެ ފިކުރެއްގެ ތެރެއިންނެވެ. އެޒަމާނާއި މިޒަމާނުގެ ތަފާތަކީ ބާރުގަދަ ބޮޑެތި ގައުމުތަކުގެ ސިޔާސަތަށް އައިސްފައިވާ ބަދަލެކެވެ. އދ ގައި ސަލާމަތީ މަޖިލީހޭ ކިޔުނު ގުނަވަނެއް އޮވެއެވެ. އެއީ އދ ގެ ސިކުނޑިއެވެ. އެ މަޖިލީހުގައި ދާއިމީ މެންބަރު ފަސް ގައުމެއް އޮވެއެވެ. ބަދަލުވެގެން އުޅެނީ އެ ގައުމުތަކުގެ ފިކުރެވެ.
ކުރީގައިވެސް ބަޔާން ކުރެވުނު ފަދައިން އދ ގެ ތިން ތަނބަކީ ތަރައްގީއާއި ހައްގުތަކާއި ސަލާމަތެވެ. މިއީ އޭރުވެސް މިހާރުވެސް އިންސާނުންގެ އަމާޒެވެ. މިއަމާޒު ބަދަލެއް ނުވެއެވެ. ބާތިލެއްވެސް ނުވެއެވެ. ބައުވީ އދ ގެ ސަލާމަތީ މަޖިލިސް އެކުލެވިގެންވާގޮތާއި އެމަޖިލީހަށް ލިބިގެންވާ ބާރުތަކެވެ. ބަދަލުވީ ދުނިޔޭގެ ސިޔާސީ ވަޔާއި އިގްތިސާދީ ވަޔެވެ. އެހެންވީމާ އދ އަށް އިސްލާހު ގެންނަން ޖެހެނީ މި ހަގީގަތަށް ރިއާޔަތް ކުރެވިގެންނެވެ. ބާރުގެ ތިލަފަތަށް ރިއާޔަތް ކުރެވިގެންނެވެ. އެހެންނޫނީ އދ އަށް ދެން ދިރުމެއް ނާންނާނެއެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ކޯޅުންތައް ގިނަކަމުން ދުވަހަކުވެސް އެއްގަލަކަށް އަރައިގެން އެކައްޗެއް ކިޔޭތަނެއް ނާދެއެވެ. ސަލާމަތީ މަޖިލީހާނުލައި އާއްމު މަޖިލީހުން ނިންމާ ނިންމުންތަކަކީ އެއްވެސް ބަރުދަނެއް އަދި ބާރެއްނެތް ނިންމުންތަކެކެވެ. ސަލާމަތީ މަޖިލީހުގެ ފަސް ގައުމަކަށް ލިބިގެންވާ ވީޓޯ ކުރުމުގެ ބާރަކީވެސް މުޅި އދ ބަނދެވިފައި އޮންނާންޖެހުމުގެ ސަބަބެކެވެ. އެހެންވީމާ އދ އަލުން ބާރުވެރިކޮށް ހަރަކާތްތެރި ކުރުވުމަށް އޮތް މަގަކީ ސަލާމަތީ މަޖިލީސް އިސްލާހުކޮށް ޒަމާނީ ކުރުމެވެ. އަޑުގަދަ ބާރުގަދަ މީހާގެ ރުއް ގިނަވާ އުސޫލު ދޫކޮށްލުމެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް