ޔޫކޭ އިން ފެނުނު ކޮރޯނާވައިރަސްގެ އާ ވައްތަރު އިސްރާއީލުން ވެސް ފެނިއްޖެއެވެ.

އިސްރާއީލުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތެއްގައިވާ ގޮތުން އެގައުމުން މިހާތަނަށް ކޮރޯނާ ވައިރަހުގެ އާ ވައްތަރުގެ ހަތަރު ކޭސްއެއް ރެކޯޑު ކުރެވިފައިވާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ ހެލްތުން ވަނީ ކޭސްތަކުގެ ތެރެއިން ތިން ކޭސް ލިންކު ވެފައިވަނީ ޔޫކޭ އިން އައި ތިން މީހެއްގެ ފަރާތުން ކަމަށް ބުނެފައެވެ. އެ ތިން މީހުން މިހާރު ތިބީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހޮޓަލެއްގައި ކަމަށްވެސް ހެލްތުން ބުނެއެވެ.

މިނިސްޓްރީން ބުނީ ހަތަރުވަނަ ކޭސް އިންވެސްޓިގޭޓް ކުރަމުން އަންނަ ކަމަށެވެ.

ކޮރޯނާވައިރަސްގެ އާ ސްޓްރެއިން ޔޫކޭގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމަކުން ވަނީ ޔޫކޭ އިން އަންނަ ފްލައިޓުތައް އައުން ހުއްޓުވައިފައެވެ.