ފްރާންސްގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދޭން އެގައުމުން ނިންމައިފި އެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ވަނީ ކޮވިޑްގެ މިހާލަތުގައި އެގައުމުގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފަ އެވެ.

އެގޮތުން ފްރާންސްގެ ރަށްވެހިކަމަށް އެދިފައިވާ 700 އަށްވުރެން ގިނަ މީހުންނަށް އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ސާފުކުރާ މީހުންގެ އިތުރުން ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެ އެވެ.

ފްރާންސަކީ ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވި އެއް ގައުމެވެ. އެގައުމުން މިހާތަނަށް 2.5 މިލިއަން މީހުންނަށް ބަލިޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އަދި އެބަލީގައި އެގައުމުން 62،000 އަށްވުރެން ގިނަ މީހުން ވަނީ މަރުވެފަ އެވެ.