ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް އެފްސީ މަގުމައްޗާއި ޑީކޭއެންޒީން ހޯދައިފިއެވެ.

ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިއަދު ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި އެފްސީ މަގުމަތިން މަތިވަރު ޖޫނިއާސް ބަލިކުރީ ތަފާތު ބޮޑުކޮށް، 6-0ގެ ނަތީޖާއަކުންނެވެ.

ރަނގަޅު ފޯމެއްގައި ކުއާޓާއަށް ދަތުރުކުރި މަގުމަތިން މިއަދުގެ މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅެފައިވެއެވެ. މުބާރާތުގައި އެޓީމުގެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވުނު އަހުސަން ރަޝާދާއި، ލޫތު އަހުމަދު ފަތުހީގެ ފަރާތުން މިއަދުގެ މެޗުގައިވެސް ތަފާތު މޮޅުކޮށް ފެނިގެން ދިޔަ އިރު، ލޫތު ވަނީ ހެޓްރިކް ހަދައިފާއެވެ. ލޫތަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މިއަދު ހެދި ހެޓްރިކާއެކު އޭނާ ވަނީ 11 ގޯލު ހަމަކޮށްފައެވެ.

މަގުމަތީގެ އިތުރު ގޯލުތައް ޖަހައިދިނީ އަހުސަނާއި އަހުމަދު ތާލިބް ޝަކީބެވެ. އަހުސަން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލޫތެވެ.

މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ޑީކޭއެންޒީން މެޗު ކާމިޔާބު ކުރީ 4-3ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަހުމަދު ޝާނިމް ގޯލެއް ޖަހައި ބެންޗަށް ލީޑު ނަގައިދިން ނަމަވެސް، ދެވަނަ ހާފުގައި ޑީކޭއެންޒީން ވަނީ މޮޅަށް ކުޅެ ނަތީޖާ ހަމަހަމަ ވެސް ކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ވިރުދާނެވެ. ޕެނެލްޓީގައި ޑީކޭއެންޒީގެ ގޯލްކީޕަރު ހުސައިން ސާއިލް ރަނގަޅު ސޭވްއެއްކޮށް ޑީކޭއެންޒީއަށް ޝޫޓްއައުޓް ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލު ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ޑީބީ ސްޕޯޓްސް ކްލަބުން މާވަށު އެސްސީއާ ދެކޮޅަށް ނުކުންނަ އިރު، ދެވަނަ މެޗުގައި ހިތަދޫ އެސްސީން ނުކުންނާނީ ސީ2އޭ އެކަޑެމީއާ ދެކޮޅަށެވެ.

ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސް އިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.

ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ލީޑުން ނިންމާފައިވާ އިރު، އެ ހަރަކާތް ހިންގަމުން އަންނަނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.