އޭޑީކޭ ހޮސްޕިޓަލާއި ލަކްސް ރިސޯޓްސް ގުރޫޕް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޕީސީއާރު ޓެސްޓު ކުރުމަށް ލެބެއް ހުޅުވައިފި އެވެ.
ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޓީއެމްއޭ ޓާމިނަލްގައި ހަދާފައިވާ އެ ލެބް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އެ ރަސްމިއްޔާތުގައި އޭޑީކޭ ގްރޫޕްސްގެ ސީއީއޯ އަހުމަދު ނާޝިދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވަނީ ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންގެ މެދުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ރިސޯޓުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ
އެކަމަށްޓަކާ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވަމުން އަންނައިރު، ޕީސީއާރު ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އަލަށް ހުޅުވި ޓެސްޓް ލެބާއެކު އޭޑީކޭ އިން ކޮވިޑަށް ޓެސްޓް ހެދޭ ލެބްގެ އަދަދު މިހާރު ވަނީ ތިނަކަށް އަރައިފަ އެވެ. އެއީ ޓީއެމްއޭގެ ޓާމިނަލްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުންނާއި ނ. މާފަރު އެއާޕޯޓުގައި ހުންނަ ޓެސްޓް ލެބެވެ.
މީގެ ކުރިން އޭޑީކޭ އިން ފަތުރުވެރިންގެ ޕީސީއާރު ޓެސްޓަށް ނަގަމުން އައީ 80 ޑޮލަރެވެ. އަދި ދިވެހީންނާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންގެ ޕީސީއާރު ޓެސްޓު ހަދައިދެނީ 1،100 ރުފިޔާ އަށެވެ. އަލަށް ހުޅުވި ލެބާއެކު އޭޑީކޭ އިން ވަނީ ޕީސީއާރު ޓެސްޓަކަށް ފަތުރުވެރިއެއްގެ އަތުން ނަގަމުން އަންނަވަރު، 70 ޑޮލަރަށް އަދި ދިވެހިންގެ އަތުން ނަގަމުން އަންނަވަރު 1000 ރުފިޔާ އަށް ހެޔޮކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ ވީއައިއޭގެ ޓީއެމްއޭ ޓާމިނަލުގައި ހުޅުވި ލެބުން ޕީސީއާރު ޓެސްޓުތައް ހަދަމުން އަންނާނީ ފުރިހަމަ އޮޓޮމޭޓޭޑް ރޯޗް ލައިޓް ސައިކްލާ 480 ޕީސީއާރު ސިސްޓަމް ބޭނުންކޮށްގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު